ތައުލީމީ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑް އިމަގަށް

މުޙައްމަދު އަކުރަމް

ތައުލީމީ ދާއިރާއިން ސިވިސް ސޮސައިޓީ އެވޯޑް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަށް ދީފިއެވެ. އެޖަމިއްޔާއަށް މިއެވޯޑް ދީފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސިވިލް ސޮސައިޓީ އެވޯޑްސް”ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިމަގު ޖަމިއްޔާއަށް ތައުލީމީ ދާއިރާއިން މިއެވޯޑް ދީފައިވާއިރު، އިމަގު މަންސަފާގެ ނަމުގައި އެޖަމިއްޔާއިން ކުރިޔަށް ގެންދަމުންދާ ޕްރޮގްރާމް ފާހަގަކުރެވެއެވެ. އޯލެވެލް އަދި އޭލަވަލް އިމަތިހާނަށް ދަރިވަރުން ފައްކާކުރުމުގެ ގޮތުން، މަންސަފާ ޓީމްތަކުން ރަށްތަކަށް ޒިޔާރަތް ކޮށްގެންނާއި، އޮންލައިން މަންސަތަކުގެ އެހީގައި ވަނީ ހިލޭސާބަހަށް ސްޓަޑީ ކޭޕްތަކަށް ބޭނުންވާ އިންސާނީ ވަސީލަތް ފޯރުކޮށްދީފައެވެ. އެގޮތުން ފާއިތުވި 3 އަހަރު އެޕްރޮގްރާމްގެ ޒަރިއްޔާއިން 980 އަށްވުރެ ގިނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަކީ ވޭތުވެދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި ހއ އިހަވަންދޫގެ ތަރައްޤީއަށާއި ކުރިއެރުމަށާއި ރަށުގެ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް ރައްޔިތުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ޖަމިއްޔާއެކެވެ. 2021 ވަނަ އަހަރު އިމަގު ޖަމިއްޔާއިންވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފައެވެ.