ހއ. ހޯރަފުށީގައި ޤާއިމުކުރާ 25 ޓަނުގެ އައިސްޕްލާންޓްގެ ބިންގާ ރޭ އަޅައިފިއެވެ.
އައިސްޕުލާންޓުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ 8:30 ގައި ބޭއްވި ރަސްމިއްޔާތު އޮތީ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ގައެވެ. މި ރަސްމިއްޔާތުގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީގެ މަސްވެރި ކެޔޮޅުންނެވެ.
ހޯރަފުށީގައި މިފެށުނު މަޝްރޫއުއަކީ ޗަންޕާ ބްރަދަރސްއިން ފައިނޭންސް ކުރަން ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މި އައިސްޕްލާންޓްގެ ބިމު ކުލި ރަށުގެ ކައުންސިލަށް ލިބޭގޮތަށް އެއްބަސްވެފައިވާއިރު، އެތަން ހިންގައިގެން ލިބޭ އާމްދަނީގެ ފައިދާގެ 20 އިންސައްތަވެސް އެރަށު ކައުންސިލަށް ދޭގޮތަށް ވަނީ އެއްބަސްވެފަ އެވެ.
4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށް މިފްކޯއިން ބުނެފައިވާއިރު، އެ އައިސްޕްލާންޓް ގާއިމުކޮށް ހިންގާނީ ވެސް އެ ކުންފުނިންނެވެ.