"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް ދެލައްކަ ސާޅީސް އެއްހާސް ރުފިޔާ

މުޙައްމަދު އަކުރަމް

“ކާފަމާމަ މައިޒާން” ނުގެ ނަމުގައި މައިޒާނެއް ހަދަން ކްލަބް ޕޯލްސްޓަރއަށް، 241000 (ދެލައްކަ ސާޅީސް އެއްހާސް) ރުފިޔާގެ މާލީ އެހީތެރިކަމެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ނިންމައިފިއެވެ. މިކަން އިއުލާންކުރީ މިމަހުގެ 8 ވަނަ ދުވަހުގެރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސިވިލް ސޮސައިޓީ އެވޯޑްސް”ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ބޭއްވި ހަފްލާގައެވެ.

ޔޫތް މިނިސްޓްރީގެމި އެހީތެރިކަން އެޖަމިއްޔާއަށް ލިބިފައިވަނީ، ރަށްރަށުގައި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ހުޅުވާލި ފުރުޞަތުގެ ދަށުން ޖަމިއްޔާތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ކްލަބް ޕޯލްސްޓާއިން ހުށަހެޅި ޕްރޮޕޯސަލް ހޮވިފައިވާތީއެވެ. ޔޫތް މިނިސްޓްރީއިން ހުޅުވާލި ފުރުސަތުގައި 52 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އެހީތެރިކަން ދިނުމަށް އެމިނިސްޓްރީން ނިންމާފައިވަނީ 13 ޕްރޮޖެކްޓަކަށެވެ.

“ކާފަމާމަ މައިޒާން” ޕްރޮޖެކްޓަށް 241000ރ ޔޫތް މިނިސްޓްރީއިން ދޭން ނިންމާފައިވާއިރު، ޕްރޮޖެކްޓްގެ ޖުމްލަ އަގު 380000 (ތިންލައްކަ އައްޑިހަހާސް) ރުފިޔާއށް ވުރެ މައްޗަށް އަރައެވެ.