އަލަށްދޫކުރި ގޯތިތަކުގައި ނަރުދަމާ ބަހައްޓާނެ ލޮކޭޝަން 22 ޖުލައިގެ ކުރިން އެންގުމަށް އެދިއްޖެ

މުޙައްމަދު އަކުރަމް

ހއ އިހަވަންދޫއިން އަލަށް ދޫކޮށްފައިވާ 200 ގެވަޅުގައި ނަރުދަމާ ބެހެއްޓުމަށް ބޭނުންވާ ލޮކޭޝަން ފާހަގަކޮށް 22 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެ 15:00 ގެކުރިން އެންގުމަށް، ފެނަކަ އިހަވަންދޫ ބްރާންޗްން އެދިއްޖެއެވެ. ފެނަކައިން މިގޮތަށް އެދިފައިވަނީ މިކަމާއިގުޅިގެން ކޮށްފައިވާ އިޢުލާނެއްގައެވެ.

ފެނަކަ އިހަވަންދޫ ބްރާންޗުން މައުލޫމާތު ދޭގޮތުގައި އަލަށް ދޫކޮށްފައިވާ 200 ގޯތި އޮތް ސަރަހައްދަކީ ނަރުދަމާ ނިޒާމް ޤާއިމް ކޮށްފައިނުވާ ސަރަހައްދަކަށްވާތީ، އެސަރަހައްދުގައި ނަރުދަމާ ނެޓްވޯކް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން އެސަރަހައްދުގެ ނަރުދަމާ ނިޒާމް ޑިޒައިންކޮށް ނިމި، އެމަސައްކަތަށް ބޭނުންވާ ބައެއް ސާމުނެވެސް މިހާރުވަނީ އިހަވަންދޫއަށް ގެނެސްފައެވެ. މިހާރު އެމަސައްކަތުގައި ކުރިޔަށްދަނީ ނަރުދަމާ ނިޒާމުގެ ނެޓްވޯކް ލައިން ވަޅުލާއިރު، ގޭތަކުގެ ގޯތިތެރޭގައި ބަހައްޓަންޖެހޭ ނަރުދަމާ ޖަންކްޝަންތަކުގެ ލޮކޭޝަން ފާހަގަކުރުމެވެ.

ވުމާއިއެކު ފެނަކައިން އެދެނީ، އަލަށް ދޫކުރި 200 ގޯތީގެ ވެރިން، އެފަރާތަށް ދޫކޮށްފައިވާ ގޯތިތަކުގައި ނަރުދަމާ ބެހެއްޓުމަށް ބޭނުންވާ ލޮކޭޝަން ވީހާވެސް އަވަހަށް އެންގުމަށެވެ. އެގޮތުން ނަރުދަމާ ޖަންކްޝަން ބެހެއްޓުމަށް ގޭގެވެރިފަރާތުން އިޤުރާރުވާ ފޯމް ފެނަކަ އިހަވަންދޫ ބްރާންޗްގެ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން 14:30 އަށް ދޫކުރާއިރު، އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެފޯމް ހުށަހެޅުމަށް ފެނައިން އެދެއެވެ.