ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި 11 ޓީމް ބައިވެރިވެއްޖެ

މުޙައްމަދު އަކުރަމް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތީ ފުޓްސަލް  ޗެލެންޖްގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވާއިރު އެމުބާރާތުގައި ދެ އަތޮޅަކަށް ނިސްބަތްވާ 11 ޓީމް ބައިވެރިވެފައިވާކަމަށް ސާކް އިން ބުނެފިއެވެ.

ސާކްގެ ފަރާތުން ހުމައިދު މުހައްމަދު މައުލޫމާތުދިން ގޮތުގައި މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 12 ޓީމް ބައިވެރިވި ނަމަވެސް، ށ. ފޭދޫ އަށް ނިސްބަތްވާ ބަފަނާ ސްޕޯޓްސްކުލަބުން ނަންނަގާފައިވާތީ މިހާރު މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ އަދަދަކީ 11 އެވެ. އޭގެ ތެރޭގައި ހިމެނެނީ އިހަވަންދޫ އަށް ނިސްބަތްވާ 6 ޓީމަކާއި، 1 ރިސޯޓް އަދި މާރަންދޫ، ތުރާކުނު، ހަނިމާދޫ އަދި ނާވާދޫއިން ކޮންމެ ރަށަކުން ޓީމެކެވެ.

މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމް ތަކުގެ ތެރެއިން އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ އަދި ކުޅިމަގެވެ. ހދ އަތޮޅުން ހަނީމާދޫއަށް ނިސްބަތްވާ ޓީމް ހަނިމާދޫ އަދި ނާވާދޫއަށް ނިސްބަތްވާ ޓީމް ނާވާދޫ ބައިވެރިވެފައިވާއިރު ހއ އަތޮޅުން މާރަންދޫއަށް ނިސްބަތްވާ މާރަންދޫ ޔޫތް ސޮސައިޓީގެ އިތުރުން ތުރާކުނަށް ނިސްބަތްވާ ތުރާކުނު ރެކްރިއޭޝަން ކްލަބް މިމުބާރާތުގައި ބައިވެރިވެފައިވެއެވެ. މީގެއިތުރުން ޖޭއޭ މަންފަރު ރިސޯޓުން ޖޭއޭ މަނަފަރު އެފްސީގެ ނަމުގައި ޓީމެއް ބައިވެރިވެފައިވެއެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ބޮޑުތިލަދުންމަތީ ފުޓްސަލް ޖެލެންޖް 2023  ގައި ބައިވެރިވެފައިވާ ޓީމްތައް

  • އެންވީކޭ
  • ޔުނައިޓެޑް ޔޫތް
  • ސެންސިޓީ
  • އެފްސީ ބޮޑުމަގު
  • ކްލަބް އިރަމާ
  • ކުޅިމަގު
  • ޖޭއޭ މަނަފަރު އެފްސީ
  • މާރަންދޫ ޔޫތް ސޮސައިޓީ
  • ތުރާކުނު ރެކްރިއޭޝަން ކްލަބް
  • ޓީމް ހަނިމާދޫ
  • ޓީމް ނާވާދޫ