ޢީދު ނަމާދު ބޮޑު ޖަމާއަތް މިފަހަރު ޣާޒީ ދަނޑުގައި

މުޙައްމަދު އަކުރަމް

މޫސުން ރަނގަޅުނަމަ މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ، އިހަވަންދޫ ޣާޒީ ދަނޑުގައިކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ. ޣާޒީ ދަނޑުގެ އިތުރުން މަސްޖިދުލް ތައުބާގައިވެސް ޢީދުނަމާދު ކުރާގޮތަށް ކައުންސިލުންވަނީ ހަމަޖައްސާފައެވެ.

ޢާޒީދަނޑުގައި އީދުނަމާދު ކުރާއިރު އިމާމްވެ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އައްޝައިޚް ޢަބުދުﷲ ސަމީރުއެވެ. މިއީ ޣާޒީ ދަނޑުގައި ކާޕެޓް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރިފަހުން މިފަދަ ނަމާދެއް އެދަނޑުގައި ކުރަން ނިންމި ފުރަތަމަ ފަހަރެވެ. އީދު ދުވަހު ބޮޑު ޖަމާއަތުގައި ނަމާދުކުރެވޭވަރަށްވުރެ މޫސުން ގޯސްނަމަ އެދުވަހުގެ ޢީދު ނަމާދު ކުރުން އޮންނާނީ އިހަވަންދޫގައި ހުކުރު ކުރާ ހަތަރު މިސްކިތުގައި ކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ޢީދު ނަމާދަށް ބޮޑު ޖަމާއަތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި މުސައްލައެއް ގެނައުމަށް ކައުންސިލުން އިރުޝާދުދެއެވެ. އިހަވަންދޫގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވަނީ 21 އޯގަސްޓު 2018 ވީ އަންގާރަ ދުވަހުއެވެ.

އިހަވަންދޫގެ އެންމެ ހަރަކާތްތެރި ދެ ޖަމިއްޔާކަމަށްވާ ކްލަބް ޕޯލްސްޓަރ އަދި އިމަގު ޖަމިއްޔާއިންވެސް ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދަށްފަހު އޮންނަ ޢީދު ސައިންނެވެ.