މޫސުން ގޯސްވެ މިސްކިއްތަކުގައި ޢީދު ނަމާދު ކުރާގޮތަށް ހަމަޖައްސައިފި

މުޙައްމަދު އަކުރަމް

މޫސުން ތަންނުދޭތީ އިހަވަންދޫގައި ހުކުރުކުރާ 4 މިސްކިތުގައި މިއަހަރުގެ އަޟްޙާ ޢީދު ނަމާދުކުރަން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ކައުންސިލުން ނިންމީ ކައުންސިލުން ބޮޑު ޖަމާއަތުގައި، ޣާޒީ ދަނޑުގައި ޢީދު ނަމާދު ކުރަން ނިންމާފައިވީނަމަވެސް މޫސުން ތަންނުދޭތީ އެކަން ކުރެވޭގޮތް ނުވުމުންނެވެ. އެހެންކަމުން އިހަވަންދޫގައި ޢީދު ނަމާދު ކުރާނީ މަސްޖިދުއް ތައުބާ، މަސްޖިދުއް ތަޢާވުން، މަސްޖިދުއް ނަސްރު އަދި މަސްޖިދުއް އަބޫބަކުރު ސިއްދީޤްގައެވެ. ތައުބާ މިސްކިތުގައި އިމާމުވެ ޢީދު ނަމާދު ކުރައްވާނީ އަޖުވަދު ހަސަންއެވެ. ނަސްރު މިސްކިތުގައި ކުރީގެ ކަތީބު އަދުނާނު އަބުދުﷲ އިމާމުވެ ޢީދު ނަމާދު ކުރައްވާއިރު ތަޢާވުން މިސްކިތުގައި އިމާމުވެ ޢީދު ނަމާދު ކުރައްވާނީ ޢަބްދުލްޚާލިޤް މޫސާއެވެ. އަދި އަބޫބަކުރު މިސްކިތުގައި އިމާމުވެ ޢީދު ނަމާދު ކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަމީރުއެވެ.

އިހަވަންދޫގެ އެންމެ ހަރަކާތްތެރި ދެ ޖަމިއްޔާކަމަށްވާ ކްލަބް ޕޯލްސްޓަރ އަދި އިމަގު ޖަމިއްޔާއިންވެސް ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދަށްފަހު އޮންނަ ޢީދު ސައިންނެވެ.