ޕޯލްސްޓަރ ވާދެމުމުގެ މުބާރާތް ފަށައިފި

މުޙައްމަދު އަކުރަމް

އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދާ ވާދެމުމުގެ މުބާރާތް ފަށައިފިއެވެ. ދެލި އޮންލައިން ވާދެމުމުގެ މުބާރާތް 1444ގެ ނަމުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި ޖުމްލަ 8 ޓީމެއް ވާދަކުރެއެވެ. އެއީ ފިރިހެނުންގެ ބައިގައި ވާދަކުރާ 5 ޓީމަކާއި އަންހެނުންގެ ބައިގައި ވާދަކުރާ 3 ޓީމެކެވެ.

މިމުބާރާތުގެ ފިރިހެނުންގެ ބައިގައި ވާދަކުރާ ޓީމްތަކަކީ ކުޅިމަގު، ކުލަބު އިރަމާ، ގަބީލާ، ކޮއިމަލާ އަދި ލަކި އެވެ. އަންހެނުންގެ ބައިގައި ހިފާހިފާ، ކުލަބު އިރަމާ އަދި ދަމާދަމާ ވާދަކުރާއިރު މިމުބާރާތުގެ ފައިނަލް އޮންނާނީ ޖުލައި 03 ވާ ހޯމަ ދުވަހުގެ ރެއެވެ.

އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގައި ރޭ ތިން މެޗެއް ކުރިޔަށް ދިޔައެވެ. އަންހުނުންގެ ބައިގައި ހިފާހިފާ އަދި ކުލަބު އިރަމާ ބައްދަލުކުރި މެޗް ސީދާ  ދެ ދެމުމުން ކާމިޔާބުކުރީ އިރަމާ ޓީމެވެ. ފިރިހެނުންގެ ބައިގައި ދެ މެޗް ކުރިޔަށް ދިޔައެވެ. ކުޅިމަގު އަދި އިރަމާ ބައްދަލުކުރި މެޗް 2 ސެޓުން ކާމިޔާބުކުރީ އިރަމާ ޓީމެވެ. ފަހު މެޗްގައި ކޮއިމަލާ އަދި ގަބީލާ ބައްދަކުރި 1 ދެމުން 2 ދެމުމުން ކާމިޔާބުކުރީ ކޮއިމަލާއެވެ.

މިމުބާރާތުގައި މިރޭ 3 މެޗް އޮންނާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަންހެނުންގެ ބައިގައި ވާދަކުރާ އިރަމާ އަދި ދަމާދަމާއެވެ. އެއަށްފަހު ފިރިހެނުންގެ ބައިގައި ވާދަކުރާ ކޮއިމަލާ އަދި ކުޅިމަގު ބައްދަލުކުރާއިރު ފަހުމެޗްގައި ބައްދަލުކުރާނީ އިރަމާ އަދި ލަކިއެވެ.

މިމުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށް 7000ރ ގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 3000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި އަންހެނުންގެ ބައިގެ ޗެމްޕިއަން ޓީމަށް 3000ރ އަދި ދެވަނަ ޓީމަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.