ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ކޭޓަރިންގް ޕާރޓްނަރަކަށް ބާބަކިޔުހަޓް

ހަސަން އީމާން

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ކޭޓަރިންގް  ޕާރޓްނަރަކަށް ބާބަކިޔު ހަޓް ހަމަޖައްސައިފިއެވެ.

ބާބަކިޔު ހަޓަކީ އިހަވަންދޫގައި ފުޅާދާއިރާއެއްގައި ކެއިންބުއިމުގެ ހިދުމަތް ދެމުންދާ ރެސްޓޯރެންޓްކެވެ. ބާބަކިޔު ހަޓްގެ ހިދުމަތް ހޯދުމަށް ކައިރި ރަށްރަށުން ކަސްޓަމަރުން ޒިޔާރަތްކުރާއިރު، އެރެސްޓޯރެންޓުން ބައެއް ރަށްތަކަށް ޑެލިވަރީގެ ހިދުމަތްވެސްދަނީ ފޯރުކޮށްދެމުންނެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ޖުމްލަ 11 ޓީމެއް ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ، އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ، ކުޅިމަގު، ޖޭއޭ މަނަފަރު އެފްސީ، މާރަންދޫ ޔޫތް ސޮސައިޓީ، ތުރާކުނު ރެކްރިއޭޝަން ކްލަބް، ޓީމް ހަނިމާދޫ އަދި ޓީމް ނާވާދޫއެވެ.