ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ އޮފިޝަލް ކިޓް ޕާޓުނަރަކަށް ކެޕްޓަން މޯލްޑިވެސް

ހަސަން އީމާން

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ އޮފިޝަލް ކިޓް ޕާޓުނަރަކަށް ކެޕްޓަން މޯލްޑިވެސް ހަމަޖައްސައިފިއެވެ.

މިމުބާރާތުގެ އޮފިޝަލް ކިޓް ޕާޓުނަރަކަށް ކެޕްޓަން މޯލްޑިވެސް ހަމަޖައްސާފައިވާއިރު، ކޭޓަރިންގް ޕާރޓްނަރަކަށް ހަމަޖައްސާފައިވައިނީ ބާބަކިއު ހަޓެވެ. އަދި ފޮޓޯގްރަފީ ޕާރޓްނަރަކަށް ކަލަރ ޑްރޮޕް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާރޓްނަރަކަށް ހަމަޖައްސާފައިވަނީ އިހަވަންދޫ.ކޮމް އެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ޖުމްލަ 11 ޓީމެއް ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ، އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ، ކުޅިމަގު، ޖޭއޭ މަނަފަރު އެފްސީ، މާރަންދޫ ޔޫތް ސޮސައިޓީ، ތުރާކުނު ރެކްރިއޭޝަން ކްލަބް، ޓީމް ހަނިމާދޫ އަދި ޓީމް ނާވާދޫއެވެ.