އިހަވަންދޫގައި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއްހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިހަވަންދޫ ކައުންސިލުން ޢިއުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވަނީ އިހަވަންދޫގައި ތަޢުލީމާއި ތަމްރީން ދޭ މަރުކަޒެއް ޤާއިމްކޮށްދީ ހިންގައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާ ލާފައިވާ ކަމަށާއި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު  ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ‏2023‏ ޖުލައި‏ 17‏ ވާ ހޯމަ ދުވަހުގެ 11:00 ނިޔަލަށް އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށެވެ. އެޕްރޮޖެކްޓާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ޖުލައި‏ 20‏ ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕްރޮޕޯސަލް ހުށަހަޅުމާއި ބިޑް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ‏2023‏ ޖުލައި‏ 24‏ ވާ ހޯމަ ދުވަހުގެ 11:00 ގައި އިހަވަންދޫ ކައުންސިލް އިދާރާގައެވެ.

ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއްހޯދުމަށް ކައުންސިލުން ޢިއުލާންކޮށްފައިވާއިރު، އެމަރުކަޒު ޤާއިމް ކުރަން ނިންމާފައިވަނީ އިހަވަންދޫ ކައުންސިލުން ތަރައްޤީކުރަމުންދާ ޕްރީސްކޫލް އިމާރާތުގައެވެ. އެހެންކަމުން އެމަރުކަޒް ހިންގަން ޝައުޤުވެރިވާ ފަރާތުން އެއިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމައި، ތައުލީމީ ކޯސްތައް ހިންގާނެގޮތުގެ ތަފްސީލީ ޕްރޮޕޯސަލެއް ހުށަހަޅަންޖެހެއެވެ.

ކައުންސިލުން ތަރައްޤީކުރަމުންދާ ޕްރީ ސްކޫލްގެ ބިންގާއެޅީ އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައި، 10 ޑިސެމްބަރ 2012 ގައެވެ. ޕްރީސްކޫލް އިމާރާތުގެ މަސައްކަތް ފެށިތާ 10 އަހަރު ވީއިރުވެސް އެކިއެކި ސަބަބުތަކާއިހުރެ އަދިވެސް އެއިމާރާތުގެ މަސައްކަތް ނިންމާލެވިފައެއްނުވެއެވެ. މިހާތަނަށް އާއިރު އެއިމާރާތް ހިޔާކޮށް ވަނީ ސިމެންތި ޖަހާފައެވެ.