ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ވައިޓްރޯސް މުޙައްމަދު ސަހުނީޒްގެ ދެ ކިޑްނީ ފެއިލްވެފައިވާތީ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވުމުގެ ގޮތުން ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް ގުޅިގެން ފަންޑްރައިސިންގް އިވެންޓެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.

މިއިވެންޓް ކުރިޔަށް ގެންދާނީ މާދަމާ (8 ޖުލައި 2023) ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ހުން އަދި ރޭގަނޑޫ 20:30 އިން ފެށިގެން އިހަވަންދޫ ބަނދަރު ސަރަހައްދުގައެވެ. މިއިވެންޓްގެ ހަވީރުގެ ހަރަކާތްތައް ކުޑަކުދިންނަށް ޚާއްޞަ ކޮށްފައިވާއިރު ރޭގަނޑު އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ. މިއިވެންޓްގައި އިހަވަންދޫ ކައުންސިލް، އިހަވަންދޫ ސްކޫލް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަދި ކުލަބް ޕޯލްސްޓަރ ބައިވެރިވާނެއެވެ.

މިހަރަކާތުގެ އިތުރުން އިހަވަންދޫގެ ބައެއް މުއައްސަސާތަކާއި ފުޓްބޯޅަ ޓީމްތަކުންވެސް ދަނީ ސަހުނީޒަށް އެހީތެރިވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ފެނަކަ އިހަވަންދޫ ބްރާންޗްގެ ހުރިހާ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކުރުމަށްވަނީ ނިންމާފައެވެ.

އުމުރުން 28 އަހަރުގެ ސަހުނީޒްގެ ދެ ކިޑްނީ ފެއިލް ވެފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ގަވާއިދުން ޑައިލަސިސް ހަދަން ޖެހެއެވެ. ޝަހުނީޒަށް އެހީތެރިކަން ދެއްވަން ބޭނުންވާ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވެސްގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓް 7704257870102 ނުވަތަ ދިވެހި ރުފިޔާ އެކައުންޓް 7704257870101 އަށް ފައިސާ ޖަމާކުރެވިދާނެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ޝަހުނީޒްގެ ބައްޕަ އަލީ އިބްރާހިމް ގެ މޯބައިލް ނަންބަރު 7757021 އަށް ގުޅުމަށް އާއިލާއިން އެދެއެވެ.