އާ ޑްރެޖަރުން އިހަވަންދޫ ބިން ހިއްކަންފަށައިފި

ޙުސައިން ރީޙާން

ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް،  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގެނަ ބެލްޖިއަމްގެ ޖަން ޑެ ނަލް ގްރޫޕްގެ ޑްރެޖަރ ފިލީޕޯ ބްރޫނެލޭޝީ، އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. 123.9 މިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަސައްކަތް 04 އޯގަސްޓް 2021 ގައި ފެށިނަމަވެސް އެ މަސައްކަތް ފުރަތަމަ ކުރަމުން ދިޔަ ޑްރެޖަރު މަހާޖައްރާފު ހަލާކުވުމުން މިއަދާ ހަމައަށް ބިން ހިއްކުމުގެ މަޝްރޫއު އޮތީ ހުއްޓިފައެވެ.

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިކޭނީ ތިން ދުވަހުން ހެކްޓަރެއް ކަމަށާއި ނަމަވެސް އަލަށްގެނަ ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިކޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ. އެމްޓީސީސީއިން އަލަށްގެނަ ޑްރެޖަރު ފިލީޕޯ ބްރޫނެލޭޝީ އަކީ 470.25 ފޫޓް ދިގު 90.75 ފޫޓް ފުޅާ އަދި 30.03 ފޫޓް އުސް އުޅަނދެކެވެ. އެޑްރެޖަރުގެ ކެޕޭސިޓީ މަހާޖައްރާފާގެ 3 ގުނަ އަށްވުރެ އިތުރެވެ. 11،300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ އެޑްރެޖަރަށް މޫދުގެ 254 ފޫޓް އަޑިން ވެލި ނެގުމުގެ ޤާބިލްކަން ލިބިގެންވެއެވެ.

އާ ޑްރެޖަރުން ފުރަތަމަ ނުވަ ރަށެއް ހިއްކާނެއެވެ. އެއީ، ހއ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ.