އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ބަނދަރުގެ އިރުމަތިން ޕަސެންޖަރުންނަށް  ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާން ފަށައިފިއެވެ. ކޮންކްރީޓް ޕައިލް ކޮށްގެން ހަދާފައިވާ މަގަތު ފާލަމުން އަޑިއަށް ގޮސްފައިވަނީ ހަމައެކަނި ސިޑި ހިމެނޭ ސަރަހައްދެވެ.

އެގޮތުން ސިޑި ހިމެނޭ ސަރަހައްދުގެ ކީވޯލް މިހާރުވަނީ 11 ސެންޓިމީޓަރު ނުވަތަ 4.3 އިންޗި އަޑިއަށް ގެސްފައެވެ. ސިޑި ހިމެނޭ ސަރަހައްދު އަޑިއަށްދާކަން ފާހަގަވާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، ކުރިން މިހާރު އަޑިއަށްދާހާ ބާރު ސްޕީޑްގައި އަޑިއަށް ދަމުންދާކަން ފާހަގަކުރެވިފައެއްނުވެއެވެ.

“ފީނާގެން ބަލާފިން، ސިޑި ދަށުގަ އެއްކޮށް ހޮއެ ހެދިފަހުރީ، ވެލި ދެމިފަ، ޕޭމަންޓް ނުވެއްޓި އެއޮންނަނީ ކޮންކްރީޓުން ޕޭއަޅާފަ އޮތީމަ” އެސަރަހައްދަށް ފީނި މީހަކު ބުންޏެވެ. އޭނާ ބުނާގޮތުގައި އެމައްސަލަ ކުރިމަތިވަނީ ސިޑިއާ ގާތްކުރާ އުޅަނދުފަހަރު، އިންޖީނު ފަހަށްތަށް ޖަހާފައި ބާއްވާތީ ބުރަފަތީގެ ޕްރެޝަރަށް ވެލިދަމައިގަންނާތީއެވެ. އަދި އެމައްސަލަބޮޑުވީ އާރުޓީއެލްގެ ލޯންޗްތަކުގެ ދަތުރު ފެށި ހިސާބުންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. އެމަސައްކަތުގައި މިހާރު އަޑިއަށްދާ ސިޑި ހިމޭނޭ ސަރަހައްދު މަރާމާތު ކޮށްފައެއް ނުވެއެވެ. ނަމަވެސް ބަނދަރުގެ މެއިންޓެނަންސް ޑްރެޖިންގް ގެމަސައްކަތް ކޮށްފައިވެއެވެ.