ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ގުރުނެގުން މިރޭ

މުޙައްމަދު އަކުރަމް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް   ޗެލެންޖްގެ ގުރުނެގުން މިރޭ އޮންނާނެއެވެ. ގުރުނެގުން އޮންނާނީ މިރޭ 20:30 ގައި ބާބަކިޔު ހަޓް ރެސްޓޯރަންޓްގައެވެ.

މުމުބާރާތް ކުރިޔަށް ގެންދަނީ، މުބާރާތުގައި ބައިވެރިވެފައިވާ 10 ޓީމް 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މުބާރާތުގެ ގްރޫޕްސްޓޭޖްގެ މެޗްތައް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށް ދާއިރު، ސެމީފައިނަލް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު މިމުބާރާތުގެ ފައިނަލް ކުޅޭނެއެވެ.

މުމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ، ކުޅިމަގު، ޖޭއޭ މަނަފަރު އެފްސީ، މާރަންދޫ ޔޫތް ސޮސައިޓީ، ޓީމް ހަނިމާދޫ އަދި ޓީމް ނާވާދޫއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މިއިވެންޓް އިހަވަންދޫ.ކޮމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.