Banner Image Description

44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތަށް ކުލަބު ޕޯލްސްޓަރ އިން ތައްޔާރުވަނީ

ޢަބުދުﷲ ޙަމީދު

44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތް ހއ. އިހަވަންދޫގައި ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުލަބު ޕޯލްސްޓަރ އިން ވަމުން ދާކަމަށް އެކުލަބުން ހާމަކޮށްފިއެވެ. އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ޕޯލްސްޓަރ އިން ހުށައެޅި ޕުރޮޕޯސަލް ކާމިޔާބު ވުމާއި ގުޅިގެން އެކުލަބުން ވަމުންދާ ތައްޔާރީތައް ބައްލަވާ ލެއްވުމަށްޓަކައި ވޮލީބޯޅަ އެސޯސިއޭޝަންގެ ޓީމެއް މިހަފުތާގެ ހޮނިހިރު ދުވަހު އިހަވަންދުއަށް ޒިޔާރަތް ކުރައްވާ ޕޯލްސްޓަރ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވާކަމަށް އެކުލަބުން ހާމަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރިޔާޒް އާއި ޖެނެރަލް ސެކުރެޓަރީ ހުސެއިން މުޙައްމަދު އާއި ހިއުމަންރިސޯސް ޔޫތު އެންޑް ސްޕޯރްޓުސްގެ ޕާމަނަންޓު ސެކުރެޓަރީ މުޙައްމަދު މާއިޒް ޝަރީފު ބައިވެރިވެލެއްވި ކަމަށް އެކުލަބުން މަޢުލޫމާތު ދެއެވެ. އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އިންތިޒާމުތައް ވީހާވެސް ފުރިހަމަކުރުމަށްޓަކައި ކުލަބުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކުލަބުން މަޢުލޫމާތު ދެއްވައެވެ. މިގޮތުން އެންމެ ބޮޑު އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދަނީ މުބާރާތައް ސުޕޮންސަރ ހޯދުމުގެ މަސައްކަތް ކަމަށާއި އެއާއި އެކު މިމުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އެކަމަޑޭޝަންގެ ކަންތައް ފުރިހަމަ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެސް ވަމުންދާކަމުގައި އެކުލަބުން މަޢުލޫމާތު ދެއެވެ. 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުޅިވަރު ކަލަންޑަރުގައި ނިއްމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 11 އިން 25 އަށެވެ.