މަނަފަރު ކޮޅަށް ހަތަރު ގޯލް ޖަހައި ހަނިމާދޫ މޮޅަކުން ފަށައިފި

މުޙައްމަދު އަކުރަމް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ތިންވަނަ މެޗްގައި 4-0 ގެ ނަތީޖާއަކުން ހަނިމާދޫއިން މަނަފަރު އެފްސީ ބަލިކޮށްފިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ހަނިމާދޫ ޓީމުން 2 ގޯލް ޖެހިއިރު ފަހު ހާފުގައިވެސް 2 ގޯލް ޖަހާ ފަރަގު ބޮޑުކުރިއެވެ. މިމެޗްގައި ޓީމް ހަނިމާދޫގެ އާލިފް އިބްރާހިމް އެޓީމަށް ދެ ގޯލް ޖަހައިދިންއިރު މުހައްމަދު ހަސަން އަދި ނައުފަލް އަބުދުލް ރައުފްވެސް ގޯލެއް ޖަހައިދިނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ ޓީމަށް ދެގޯލް ޖަހައިދީ އެއް ގޯލް ޖެހުމަށް އެހީތެރިވި އެޓީމްގެ ޖާޒީ ނަންބަރު 11 އާލިފް އިބްރާހިމްއެވެ.

ހަނިމާދޫ މިމުބާރާތުގައި ދެންކުޅެން ޖެހޭމެޗްގައި މާދަމާހަވީރު 17:00 ގައި ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ. އެއަށްފަހު މިމަހުގެ 24 ވަނަ ދުވަހު ކުޅިމަގާ ދެކޮޅަށް ކުޅޭއިރު އެޓީމުން ގްރޫޕް ސްޓޭޖްގައިކުޅޭ ފަހު މެޗްގައި މިމަހުގެ 26 ވަނަ ދުވަހު ނުކުންނާނީ މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށެވެ. ޖޭއޭމަނަފަރު އެފްސީ ދެންކުޅެންޖެހޭ މެޗަށް މިމަހުގެ 23 ގައި ކުޅިމަގާއި ދެކޮޅަށް ނުކުންނައިރު މިމަހުގެ 26 ގައި ސެންސިޓީއާ ދެކޮޅަށް ކުޅެންޖެހޭނެއެވެ. އަދި އެޓީމުން ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗްގައި މިމަހުގެ 28 ވަނަ ދުވަހު ނުކުންނާނީ މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށެވެ.

މިދެޓީމް ހިމެނޭ ގްރޫޕް ބީގެ ދެމެޗް މިހާތަނަށް ކުޅެފައިވާއިރު 3 ޕޮއިންޓާއިއެކު ގޯލްގެ ތަފާތުން މިވަގުތު ޕޮއިންޓް ޓޭބަލްގެ އެއްވަނާގައިއޮތީ ޓީމް ހަނިމާދޫއެވެ. މާދަމާ މިމުބާރާތުގެ 2 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި އެންވީކޭއާ ބޮޑުމަގު ބައްދަލުކުރާއިރު ފަހު މެޗްގައި ބައްދަލުކުރާނީ ސެންސިޓީ އަދި ޓީމް ހަނިމާދޫއެވެ.