ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު މާއިޒް ހުސައިން

މިއަހަރު ބޭއްވުމަށް ހަމެޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާންގައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލައިފާވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގައި ހުންނާންޖެހޭ ޝަރުތުތައް ގާނޫނުއަސާސީ އާއި ރިޔާސީ އިންތިޚާބުގެ ގާނޫނުގައިވާގޮތަށް އެ އިއުލާންގައިވެއެވެ. އެ ޝަރުތުތަކަކީ:

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ނ) ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން.

(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.

(ކ) މި ބައިގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، އެ ކޮމިޝަނުންވަނީ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓަން ހަމަޖެހިފައިވާ ފޮށިތައް އިއުލާންކޮށް، ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފައެވެ. އެގޮތުން، މިއަދާ ހަމައަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 605 ވޯޓުފޮށި ބެހެއްޓުމަށް އެ ކޮމިޝަނުންވަނީ އިއުލާން ކޮށްފައެވެ. މި ފޮށިތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު 2023 އޮގަސްޓް 5 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށްވަނީ ހުޅުވާލައިފައެވެ. މީގެއިތުރުން، ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް އަދި މޮނީޓަރަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް 2023 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 އާ ހަމަޔަށް ފޯމު ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހުއެވެ. އެހެން އިންތިޚާބުތަކާ އެއްގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. މިފަހަރުގެ އިންތިޚާބުގައި އިހަވަންދޫގައި 3 ވޯޓުފޮށި ބެހެއްޓުމަށް އެ ކޮމިޝަނުންވަނީ އިއުލާންކޮށްފައެވެ.