Banner Image Description

މިނިވަން ދުވަހުގެ ޕްރޮގްރާމްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި

ޢަބުދުﷲ ޙަމީދު

މިނިވަންދުވަހުގެ މުނާސަބަތުގައި، ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ހެވިކަމާއި ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައްލަވާލައްވައިފިއެވެ.

މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ޙައުލަތު ފަހީމެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަތުމާއެކު އެ ދެކަނބަލުންނަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އެއަށްފަހު، ބޭއްވުނު ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވީ، އަމީނިއްޔާ ސްކޫލާއި، މުޙްޔިއްދީން ސްކޫލާއި، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.