ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި މިއަދުކުޅުނު ގްރޫޕް އޭ ގެ މެޗްތަކުގެ ނަތީޖާއިން، އެންވީކޭގެ އަމިއްލަ ބާރު ކެނޑިއްޖެއެވެ.

މިއަދުގެ ފުރަތަމަ މެޗްގައި މިއަދު އިރަމާ އަދި ބޮޑުމަގު ކުޅުނުމެޗް ފަސޭހަކަމާއިއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޮޑުމަގެވެ. އެންވީކޭ އަދި ޔުނައިޓެޑް ޔޫތް ބައްދަލުކުރި މެޗް 3-3 ގެ ނަތީޖާއަކުން ހަމަހަމަވެ ދެޓީމަށްވެސް ނިންމާލަންޖެހުނީ ޕޮއިންޓަކާއިއެކުއެވެ. މިއަދުގެ މެޗުން އެންވީކޭ މޮޅުވިނަމަ ސެމީފައިނަލް ޔަޤީންވާނެއެވެ. އަދި ޔުނައިޓެޑްޔޫތް އަމިއްލަބާރު ގެއްލި މުބާރާތުން  ކެޓުމުގެ ފުރުސަތު ބޮޑުވާނެއެވެ. ޔުނައިޓެޑްޔޫތް މޮޅުވިނަމަވެސް އެޓީމަށް ސެމީފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ. ގްރޫޕް އޭ ގެ އެއްވަނާގައި މިވަގުތުއޮތީ 7 ޕޮއިންޓާ ފައިދާ 6 ގޯލާއިއެކު ނާވައިދޫއެވެ. ދެވަނާގައިއޮތް އެންވީކޭއަށްވެސް 7 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ލިބިފައިވަނީ ފައިދާ 4 ގޯލެވެ. 5 ޕޮއިންޓާއިއެކު 3 ވަނާގައި އޮތް ޔުނައިޓެޑް ޔޫތަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ހަތަރުވަނާގައި ބޮޑުމަގު  އޮތްއިރު 5 ވަނާގައިއޮތް އިރަމާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމްކަމަށްވާ އެންވީކޭ ސެމީފައިނަލަށް ދަތުރުކުރުމުގައި މިހާރުވަނީ  އަމިއްލަ ބާރު ކެނޑިފައެވެ. އެޓީމަށް ގްރޫޕް ސްޓޭޖްގައި ބާކީ މެޗެއްނެތެވެ. ގްރޫޕް އޭގެ އެއްވެސް ޓީމަކަށް ސެމީފައިނަލުން ޖާގައެއް އަދި ކަށަވަރެއްނުވެއެވެ، ނާވައިދޫ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ނުކުންނާނީ އިރަމާއާ ދެކޮޅަށެވެ. އެމެޗުން އެއްވަރުކޮށްލައިގެން ނުވަތަ މޮޅުވެގެންވެސް ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ. ނަމަވެސް 2 ގޯލަށްވުރެ ބޮޑު ތަފާތަކުން އިރަމާއަތުން ބަލިވެއްޖެނަމަ އެޓީމްގެ އަމިއްލަބާރުވެސް ކެނޑޭނެއެވެ. އަދި އެންވީކޭ ސެމީފައިނަލަށް ދަތުރުކުރާނެއެވެ. ޔުނައިޓެޑް ޔޫތް ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރަން ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި ބޮޑު މަގު ބަލިކުރަން ޖެހޭނެއެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ސެމީފައިނަލަށް ދަތުރުކުރާނީ އެންވީކޭ އަދި ނައިވާދޫއެވެ.

މާދަމާވެސް މިމުބާރާތުގެ 2 މެޗެއްކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޖޭއޭ މަނަފަރު އަދި ސެންސިޓީއެވެ. ދެވަނަ މެޗްގައި ޓީމް ހަނިމާދޫ ނުކުންނާނީ މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށެވެ.