ހިތްވަރުދިނުމުގެ ގައުމީ އިނާމު އިބްރާހީމް ރަޝީދަށް

މުޙައްމަދު އަކުރަމް

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު، އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ އަށް ލިބިއްޖެއެވެ. މި އިނާމްތައް އެފަރާތްތަކާއި ހަވާލުކުރީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

އިބްރާހީމް ރަޝީދު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލްކުރެއްވީ މަސްވެރިކަމުގެ ދާއިރާއިން، ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުންނެވެ. އިބްރާހިމް ރަޝީދަކީ އިހަވަންދޫގެ މަސްވެރި އާއިލާއަކަށް އުފަން އަދި މަސްވެރިކަމުގެ ދާއިރާގައި ވަރަށް ހީވާގިކަމާއިއެކު މަސައްކަތްކުރައްވަމުންގެންދަވާ ކެޔޮޅެކެވެ. އިބްރާހިމް ރަޝީދު މަސްވެރިކަމުގެ ދާއިރާއަށް ވެންނެވީ އުމުރުން އެންމެ 12 އަހަރުގައެވެ. މަސްވެރިކަމުގެ ދާއިރާގައި އިބްރާހިމް ރަޝީދު މަސައްކަތްކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ގިނަދުވަސް ވެއްޖެވެ. އިބްރާހިމް ރަޝީދަކީ މަސްވެރިކަމަށް ޒުވާންޖީލް ޝައުގުވެރި ކުރެއްވުމަށް ގިނަމަސައްކަތްތައް ކޮށްދެއްވާފައިވާ އަދި ކުރަމުންގެންދަވާ ބޭފުޅެކެވެ. އިބްރާހިމް ރަޝީދު ގެންދަވަނީ ޒުވާންކެޔޮޅުން އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ހއ އަތޮޅުގައި މަސައްކަތްކުރާ އެންމެގިނަދުވަސްވީ ކެޔޮޅުގެ އިނާމާއި އިހަވަންދޫގެ އެންމެ ހިދުމަތްތެރި ކެޔޮޅުގެ އިނާމު، އިބްރާހިމް ރަޝީދުވަނީ ހާސިލްކޮށްފައެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.