ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީފައިނަލްގެ ފަހުޖާގަ، ޔުނައިޓެޑް ޔޫތުން ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު މިމުބާރާތުގެ ފަހުމެޗުގައި ބޮޑުމަގު 3-1 އިބަލިކޮށް ޔުނައިޓެޑް ޔޫތުން ސެމީފައިނަލްގެ ޖާގަ ކަށަވަރުކުރީ ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މިއަދުގެ މެޗްގެ ފުރަތަމަ ގޯލްޖެހީ ޔުނައިޓެޑް ޔޫތްގެ ޝިފާޒް އިބާރާހިމްއެވެ. ނަމަވެސް ބޮޑުމަގުގެ އަހްމަދު މުނީޒް ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ފަހު ހާފުގައި ޔުނައިޓެޑް ޔޫތުން ލީޑްނެގީ އެޓީމްގެ މުހައްމަދު އާދަމް ޖެހި ގޯލުންނެވެ. މުހައްމަދު އާދަމްއަކީ ޔުނައިޓެޑް ޔޫތްގެ ތަޖްރިބާކާރު ކޯޗް ހުސައިން ފަޔާޒްގެ ގޭމް ޕްލޭންގައި، ސުޕަރ ސަބްސްޓިޓިއުޓެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާވަނީ މިމުބާރާތުގައި ކުޅުނު ހުރިހާމެޗެއްގައި ގޯލްޖަހާފައެވެ. އަދި ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުނުއިރު 6 ގޯލާއިއެކު އޭނާ ހިމެނިފައިވަނީ  އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެވެސް އެންމެ ކުރީގައެވެ. ޔުނައިޓެޑް ޔޫތަށް ލީޑް ފުޅާކޮށްދިނީ މިމެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނު އަހުމަދު ހަލީމް ޖެހި ޕެނަލްޓީއިންނެވެ.

މިއަދު ޖޭއޭ މަނަފަރު އަދި މާރަންދޫ ޔޫތް ސޮސައިޓީ ބައްދަލުކުރި މެޗް ނިމުނީ 8-2 އިން މާރަންދޫ ޔޫތް ސޮސައިޓީ މޮޅުވެގެންނެވެ. އެމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫ ޓީމްގެ އިމްރާން އާދަމްއެވެ.

ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމުނުއިރު، މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ޔުނައިޓެޑް ޔޫތް، ޓީމް ހަނިމާދޫ، ޓީމް ނައިވާދޫ އަދި ކުޅިމަގެވެ. ސެމީ ފައިނަލްގެ މެޗްތައް އޮންނާނީ މާދަމާ ހަވީރުއެވެ.