Banner Image Description

ސަލާމަތްތެރިކަމާއިއެކު ސިޔާސީ ޙަރަކާތްތައް ހިންގޭނޭ ވެއްޓެއް ޤާއިމްކޮށް ދިނުމަށް އެމް ޑީޕީން އެދެފި

ޢަބުދުﷲ ޙަމީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ހިންގަމުން ގެންދާ ސުލްޙަވެރި ސިޔާސީ ހަރަކާތްތަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ތަކުރާރުކޮށް ހުރަސް އަޅަމުން ގެންދާތީއާއި، އެމްޑީޕީ އާއި އެ ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކާއިމެދު ޕޮލިސް ސަރވިސްގެ ޢަމަލުތައް އަނިޔާވެރިކަމާއި ހަރުކަށިކޮށް ހުންނަކަމަށް ބުނެ އެމްޑީޕީއަށް ސަލާމަތްތެރި ކަމާއިއެކު ސިޔާސީ ޙަރަކާތްތައް ހިންގޭނޭ ވެއްޓެއް ޤާއިމްކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީން ދަންނަވައިފިކަމަށް އެޕާރޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެޕާރޓީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން އެކަމަށް އެދިފައި ވާނޭ ކަމަށާއި އެސިޓީގައި އެމްޑީޕީއަކީ އަބަދުވެސް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަމުންގެންދާ ޕާޓީއެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤަވާއިދުތަކަށް އިޙްތިރާމްކުރާ ޕާޓީއެއްކަމަށް ދަންނަވާފައިވާނޭ ކަމަށެވެ.

އެހެން ނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެބޭފުޅުންނަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރު ނަހަމަ ގޮތުގައި، އެމްޑީޕީއަށް ފިއްތުންތައް ކުރިމަތި ކުރުމަށް ތަކުރާރުކޮށް ބޭނުންކުރަމުންދާކަން މި ސިޓީގައި ފާހަގަކުރައްވާފައި ވާނޭކަމަށާއި އެގޮތުން، މާލޭ ސިޓީ ކައުންސިލުގެ ހުއްދަ އާއިއެކު ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން ދިޔައިރު، 7 މާޗް 2012 ދުވަހުގެ ރޭ އެތަނަށް ފުލުހުންވަދެ، އެތަނުގައި ތިބި އެމްޑީޕީއަށް ތާއީދުކުރާ މީހުންނަށް އަނިޔާކޮށް، ސްޓޭޖްމަތީގައި ހުރި ޕޯޑިއަމް ހަލާކުކޮށްލާ، ގޮނޑިތަކާއި ޕާޓީގެ އެހެނިހެން މުދަލަށް ގެންލުންދީ، 19 މާޗް 2012 ދުވަހު ފުލުހުނާއި ސިފައިން ރާޅުގަނޑު ސަރަހަށްދަށް ވަދެ އެތަން ރޫޅާލައި، އެތަނުގައި ހުރި ޕާޓީގެ ހުރިހާމުދަލެއް ގެންދިއުމަށް ފަހު، މިއަދާ ހަމައަށްވެސް އެމުދާތައް ޕާޓީއާއި ޙާވާލުކުރަން ފުލުހުން އިންކާރުކޮށްފައިވާކަން ބަޔާންކޮށްފައި ވާނޭކަމަށް އެމްޑީޕީން ހާމަކުރެއެވެ.