Banner Image Description

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފިއެވެ. ޔުނައިޓެޑް ޔޫތުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިއްޔަ ހަވީރު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީގައި ޓީމް ނައިވާދޫ މައްޗަށް 5-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ 4 ވަނަ މިނެޓްގައި ކާމިޔާބުކުރީ ނައިވާދޫ ޓީމްގެ ޖާޒީ ނަންބަރު 7 ރިޝާންއެވެ. ޔުނައިޓެޑް ޔޫތުން ހަމަހަމަކުރީ ފުރަތަމަ ހާފްގެ 17 ވަނަ މިނެޓްގައި ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 11 އަހްމަދު ހަލީމްއެވެ. އެގޯލް ޔުނައިޓެޑް ޔޫތުން ޖެހިއިރު ނައިވާދޫގެ ކީޕަރަށް ޔުނައިޓެޑް ޔޫތުގެ ޝިފާޒް ފައުލް ކޮށްފައިވާކަމަށްބުނެ ނައިވާދޫ ޓީމުން ވަރަށްބޮޑަށް އެޕީލް ކުރިއެވެ. ނައިވާދޫ ޓީމުންވަނީ މެޗްގެ ފަހު ހާފުގެ 19 ވަނަ މިނެޓްގައި ގޯލެއްޖަހައި ދެވަނަ ފަހަރަށް ލީޑް ނަގާފައެވެ. އެގޯލް ޖެހީ ނައިވާދޫ ޓީމްގެ 17 ނަންބަރު މުޖުތަބާއެވެ. އެގޯލަށްފަހު ސަޕޯޓަރުން އަދި ކުޅުންތެރިންގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގިއެވެ. ޔުނައިޓެޑް ޔޫތުން ދެވަނަ ފަހަރަށް ހަމަހަމަކުރި ގޯލް މެޗް ނިމެންދަނިކޮށް އެޓީމްގެ ޝިފާޒް ޖެހިއިރު، އެގޯލަށް ފަހުވެސް ސަޕޯޓަރުން އަދި ކުޅުންތެރިންގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގިއެވެ. ޕެނަލްޓީގައި ޔުނައިޓެޑް ޔޫތުންވަނީ 4-3 ގެ ނަތީޖާއަކުން ޓީމް ނައިވާދޫގެ މައްޗަށް ކުރި ހޯދާފައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ގޯލް ކީޕަރު ރިޝްފާނުއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ  ޔުނައިޓެޑް ޔޫތްގެ އަހްމަދު ހަލީމް، ޔުނައިޓެޑް ޔޫތްގެ ޝިފާޒް އިބްރާހިމް، ކުޅިމަގު ޓީމްގެ ޝަމްވީލް، ޓީމް ނައިވާދޫގެ މުހައްމަދު އަސްލަމް އަދި ޓީމް ހަނިމާދޫގެ އަލީ އާމިރުއެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ނައިވާދޫގެ މުހައްމަދު ރިޝާންއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަށާއި އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ އަހްމަދު ހަލީމްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ކޯޗް ހުސައިން ފަޔާޒްއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވިފައިވަނީ ބޮޑުމަގު ޓީމްއެވެ. މުބާރާތުގެ ރަނަރަޕް ޓީމް، ޓީމް ނައިވާދޫއަށް 7000ރ ދީފައިވާއިރު ޗެމްޕިއަން ޓީމް ޔުނައިޓެޑް ޔޫތަށްވަނީ 25000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.