އިންތިޚާބު ބޮއިކޮޓު ނުކުރަން ނިންމި ނިންމުން ޔާމީން ބަލައެއްނުގެންނެވި

މުހައްމަދު ޢަބުދުއްޞަމަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ނަމަވެސް، އެކަން އެ ގޮތަށް ނުކުރަން ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން މިއަދު ނިންމި ނިންމުން އެމަނިކުފާނު ބަލައިނުގަންނަވާ ކަން އަންގަވައިފި އެވެ.

ޔާމީން އެ ގޮތަށް އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި މިރޭ 9:30 އެހާއިރު ފޯނު ކޯލަކުންނެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ޕީޕީއެމް ސެނެޓުން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.

މިއަދުގެ ސެނެޓް  ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.

ސެނެޓުގެ ނިންމުން ރައީސް ޔާމީން ބަލައިނުގަންނަވާ ކަން އެންގެވުމާ އެކު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބައްދަލުވުމެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި  ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ މާލޭ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ.