ހާފިޡުކަމުގެ ސަނަދުހާސިލްކުރާ ކޮންމެ މީހަކަށް 50000ރ ދެނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ރައްޔިތުންގެ ތެރެއިން ހާފިޡުކަމުގެ ސަނަދު ހާޞިލްކުރާ ފަރާތްތަކަށް 50،000ރ (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 109 ވަނަ ޖަލްސާގެ އިއްތިފާގުން ފާސްކޮށްފިއެވެ.

ހާފިޡުކަމުގެ ސަނަދު ހާޞިލްކުރާ ފަރާތްތަކަށް އިނާމު ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލް ބައްދަލުވުމަށް އެޖެންޑާކޮށް މަޝްވަރާއަށް ހުޅުވައިލުމުން، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންވެސްވަނީ އެކަމަށް ތާއީދުކޮށް ބަހުސްކޮށްފައެވެ. ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ކައުންސިލްގެ ރައީސް އަހްމަދު ސަބާހް ވިދާޅުވީ އަމިއްލަ ފަރާތަކުން ވަނީ އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން ހާފިޡުކަމުގެ ސަނަދު ފުރަތަމަ ހާޞިލްކުރާ 3 ފަރާތަކަށް 50،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. ބަހުސްގެ މަރުހަލާގައި ބައެއް ކައުންސިލަރުން، ކައުންސިލްގެ ބަޖެޓުން އެޚަރަދު ކުރުމުގެ ބަދަލުގައި ސޮޕޮންސަރުން ހޯދައިގެން އެކަންކުރުމަށް ހިޔާލުހުށަހެޅިއެވެ.

މިއަހަރުގެ މާރިޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުސް ފުށުމުގެ ގޮތުން ވާހަކަ ދައްކަވަމުން، އިހަވަންދޫ ކައުސިލްގެ ރައީސް އަހްމަދު ސޮބާހްވަނީ އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ 3 މީހުންނަށް ކޮންމެ މީހަކަށް 50،000ރ ގެ އިނާމެއް ހެއޮއެދޭ ފަރާތަކުން ހުށަހަޅާފައިވާކަން އިއުލާންކުރައްވާފައެވެ. ސޮބާހް ވިދާޅުވީ، އެކަމަށް ހަރަދުކުރަނީ ކައުންސިލުން ނޫންކަމުގައެވެ. “މިކަމަށްޓަކާ ހެއޮއެދޭ ފަރާތަކުން، އެފަރާތުގެ މަންމައާ ބައްޕަގެ ނަމުގަދޭ ހައްސާ އިނާމެއް މިއީ” ސޮބާހް ވިދާޅުވިއެވެ. ސޮބާހް ވަނީ ހާފިޒުން އުފެއްދުމަށް އެފަރާތުން އެދެއްވާ ހިއްވަރަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ އިހަވަންދޫގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި މިހާރުވެސް ބައެއް ދަރިވަރުންނާއި އާންމުންވެސް ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާ އެފަރާތްތަކަށް ހިއްވަރު ދެއްވާފައެވެ.