އެއްޖިންސުން ގުޅުންހިންގުމާ ދެކޮޅު ގާނޫނާގުޅިގެން ވޯލްޑް ބޭނުންކުން ޔޫގެންޑާއަށް ލޯނުދިނުން ހުއްޓާލައިފި

މުޙައްމަދު އަކުރަމް

އެއްޖިންސުން ގުޅުންހިންގުމާ ދެކޮޅަށް ޔޫގެންޑާއިން އަމަލުކުރަންފެށި ހަރުކަށި ގާނޫނާގުޅިގެން ވޯލްޑް ބޭނުންކުން ޔޫގެންޑާއަށް ލޯނުގެ ގޮތުގައި ފައިސާދިނުން ހުއްޓާލައިފިއެވެ. އެކަމާގުޅިގެން ޔޫގެންޑާގެ ރައީސް ޔޮވެރީ މުސެވޭނީ، އެއްޖިންސުން ގުޅުންހިންގުމާ ދެކޮޅު ގާނޫނަށް ރައްދުދިނުމުގެ ގޮތުން ޔޫގަންޑާއަށް ފައިސާ ދިނުން ހުއްޓާލަން ވޯލްޑް ބޭންކުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ، ފައިސާ ހޯދުމަށް އިތުރު ގޮތްތައް ހޯދާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މިދިޔަ މެއި މަހު ޔޫގެންޑާގައި އަމަލުކުރަންފެށި އެއްޖިންސުން ގުޅުންހިންގުމާ ދެކޮޅު ގާނޫނުގެ ދަށުން، އެއްޖިންސުން ގުޅުންހިންގާ މީހުން އުމުރަށް ޖަލަށްލެވޭއިރު ބައެއް ހާލަތްތަކުގައި މަރުގެ އަދަބުވެސް ދެވޭނެއެވެ.

1986 ވަނަ އަހަރުން ފެށިގެން ޔޫގެންޑާގެ ވެރިކަމުގައި ހުންނެވި މުސެވޭނީ، ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔޫގަންޑާއިން މަސައްކަތް ކުރަނީ ދަރަންޏަށް ފައިސާ ނަގާވަރު ކުޑަކުރަން ކަމަށާއި ބޭރުގެ މުއައްސަސާތަކުގެ ޕްރެޝަރަށް ބޯނުލަނބާނެ ކަމުގައެވެ. “އެހެންކަމުން ފައިސާ ބޭނުންކޮށްގެން، އަޅުގަނޑުމެންގެ އީމާންތެރިކަމާއި، ސަގާފަތާއި، އުސޫލުތަކާއި، އިސްތިގުލާލު ދޫކޮށްލުމަށް ވޯލްޑް ބޭންކާއި އެހެން ފަރާތްތަކަށް މަޖުބޫރު ކުރަން ބޭނުންވާ ކަމީ ހިތާމަހުރި ކަމެއް. އެމީހުން ހަގީގަތުގަ އެފްރިކާގެ މީހުންނަކީ ދަށްބަޔެއްކަމަށް ޤަބޫލްކުރޭ” އޭނާ ބުންޏެވެ. ޔޫގެންޑާގެ ރައީސް ވިދާޅުވީ ވޯލްޑް ބޭންކުން ނިންމި ނިންމުން އަލުން މުރާޖާއަކުރާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން ޔޫގެންޑާގެ ދައުލަތުގެ ބަޖެޓް އިސްލާހު ކުރަން މަޖުބޫރުވެދާނެ ކަމަށެވެ.

މުސެވޭނީ ވިދާޅުވީ ޔޫގަންޑާއިން ލޯނު ނަގަން ޖެހިއްޖެ ނަމަ އެހެން ފަރާތްތަކުގެއެހީ ހޯދިދާނެކަމަށާ، ލަފާކޮށްފައިވާ ގޮތަށް 2025 ވަނަ އަހަރުގެ ނިޔަލަށް އެޤައުމުން ތެޔޮއުފައްދަން ފެށުމުން އިތުރު އާމްދަނީއެއް ލިބޭނެ ކަމަށެވެ. ޔޫގެންޑާއިންވަނީ މީގެ ވިއްސަކަށް އަހަރުކުރިން ތެޔޮފެނިފައެވެ. ނަމަވެސް ތެޔޮނެގުމަށްބޭނުންވާ އުމްރާނީ ވަސީލަތްތައް ނެތުމުން މިހާތަނަށްވެސް ތެޔޮ އުފެއްދޭގޮތެއްނުވެއެވެ. މިއަހަރު ޖެނުއަރީމަހު، ޗައިނާގެ ސަރުކާރު ކުންފުންޏެއްކަމަށްވާ، ޗައިނާ ނެޝަނަލް އޮފްސޯރ އޮއިލް ކޯޕަރޭޝަނުން ޔޫގެންޑާގައި ތެޔޮވަޅެއް ތޮރުފުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެމަސައްކަތްނިންމާ ތެޔޮ އުފެއްދޭނެކަމަށް ލަފާކުރަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ ޔޫގެންޑާއިން މެއި މަހު ފާސްކުރި އެއްޖިންސުން ގުޅުންހިންގުމާދެކޮޅު ގާނޫނު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ވޯލްޑް ބޭންކުން އަންގާރަ ދުވަހު ބުނީ އެ ގާނޫނަކީ އެޖަމިއްޔާގެ ޕޮލިސީއާ ފުށުއަރާ ގާނޫނެއް ކަމަށާއި އެޖަމިއްޔާއިން ފައިނޭންސް ކުރާ މަޝްރޫއުތަކުގައި، މީސްތަކުގެން މެދުގައި ތަފާތުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ތަންފީޒް ނުކުރެވޭހާ ހިނދަކު އަލަށް ފައިސާ ދިނުން ސަސްޕެންޑް ކުރާނެ ކަމަށެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދުނިޔެއިން ފަގީރުކަން ނައްތާލުމަށް އަޅުގަނޑުމެންގެ ތަސައްވުރު ކާމިޔާބު ކުރެވޭނީ ނަސްލާއި ޖިންސާއި ޖިންސީ ގުޅުމަށް ބެލުމެއްނެތި އެންމެން ހިމެނޭ ގޮތަށް. އެ ޤާނޫނުގެ ސަބަބުން އެ މަސައްކަތްތަކަށް ބުރޫއަރާ” ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައިވެ އެވެ.

ޔޫގެންޑާގެ ޖޫނިއާ ފިނޭންސް މިނިސްޓަރު ހެންރީ މުސާޒީޒީ ބުރާސްފަތި ދުވަހު އެގައުމުގެ ގާނުނުހަދާ މަޖިލީހުގައި ވިދާޅުވީ ވޯލްޑްބޭންކުން ލޯނު ދިނުން ސަސްޕެންޑް ކުރުމުން ޖުލައި 2023 އިން ޖޫން 2024 އަށް އިސްލާހުކޮށްފައިވާ ބަޖެޓަކަށް ވޯޓު ދިނުމަށް ސަރުކާރުން އެދޭނެ ކަމަށެވެ. “އަޅުގަނޑުމެން އަންނާނީ އެއް ހަފްތާއެއްހާ ދުވަސް ފަހުން… ތިޔަބޭފުޅުންގެ ރުހުން ހޯދުމަށް،” މޫސާޒީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު އެމެރިކާއިން ވަނީ އެ ގާނޫނަށް ރައްދުދީ ޔޫގަންޑާގެ ބައެއް އޮފިޝަލުންނަށް ވިސާ ދިނުމަށް ހުރަސް އަޅާފައެވެ. އަދި އެމެރިކާއިން ޔޫގަންޑާއަށް ދޭ އެހީތައް މުރާޖައާ ކުރުމަށް ރައީސް ޖޯ ބައިޑަން ވަނީ އަމުރު ކުރައްވާފައެވެ.

(މަސްދަރު – އަލްޖަޒީރާ އަދި އެކި ނޫސްއެޖެންސީތައް)