ރީ-ރަޖިސްޓްރޭޝަނަށްފަހު ސީލިންގ ހަމަނުވާ ތޭވީސް ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފި

މުހައްމަދު މާއިޒް ހުސައިން

ރިޔާސީ އިންތިޚާބުގައި ބަހައްޓަން ހަމަޖެހިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން ތޭވީސް ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. މިކަމާ ގުޅިގެން އެ ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވަނީ، މިފޮށިތައް ނުބަހައްޓާގޮތަށް ނިންމާފައިވަނީ ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވިއިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ ހަމަނުވުމުގެ ސަބަބުން، ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން މިތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީ ވެފައިވާތީއެވެ.

ވޯޓުފޮށި ނުބަހައްޓަން ނިންމާފައިވަނީ ރިސޯޓު، ރާއްޖެއިންބޭރު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ބެހެއްޓުމަށް އިއުލާންކުރި ފޮށިތަކުގެ ތެރެއިން ސީލިންގ ހަމަނުވާ ފޮށިތަކެވެ. އޭގެތެރޭގައި ހިމެނެނީ 18 ރިސޯޓާއި ރާއްޖެއިންބޭރުގައި ބަހައްޓަން ނިންމި 4 ފޮށްޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ތިލަފުށީގައި ބަހައްޓަން އިއުލާންކުރި ފޮށްޓެވެ.

މިތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2023 އޮގަސްޓު 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2023 އޮގަސްޓު 14 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 04:00 ގެ ނިޔަލަށްވަނީ ހުޅުވާލައިފައެވެ. އަދި  ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި  ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައިކަމަށްވެސް ބުނެފައިވެއެވެ.

Gazette