މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން ހއ. އިހަވަންދޫ، ހއ. މާރަންދޫ އަދި ހއ. މޮޅަދޫ ރައްޔިތުން ވޯޓުލާން އިއުލާންކުރި AT.2.1 (ހއ. އަތޮޅު، މާލެ-3) ނަންބަރު ވޯޓުފޮށި އުވާލައި، މިފޮށްޓަށް ރަޖިސްޓަރީވެފައިވާ މީހުން ހއ. ތުރާކުނު އަދި އުލިގަން ރައްޔިތުން ވޯޓުލުމަށް އިއުލާންކުރި AT.1.2 (ހއ. އަތޮޅު، މާލެ-2) ފޮށްޓަށް ވޯޓުލާގޮތަށް ހަމަޖައްސައިފިއެވެ.
ރީ-ރަޖިސްޓްރޭޝަނަށްފަހު ވޯޓުފޮށިތަކަށް ގެނެވިފައިވާ ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން މިރޭވަނީ އިއުލާންކޮށްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހުކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މި ދެފޮށި އެއްކޮށްލާފައިވަނީ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ އަށްވުރެ ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި މީހުން މަދުވީމަކަމަށް ބެލެވެއެވެ.
ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލުގެ ކްލާސް ރޫމް A1 ގައެވެ. މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. ތުރާކުނު، ހއ. އުލިގަން، ހއ. އިހަވަންދޫ، ހއ. މާރަންދޫ، ހއ. މޮޅަދޫ، މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، އެކި ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 40 ވޯޓު ފޮށްޓަށް ކޮމިޝަނުން ބަދަލު ގެނެސްފައިވެއެވެ. އަދި ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު 7 ވޯޓުފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ރިޔާސީ އިންތިޚާބެވެ.