ކުނިގޮނޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި – ވެމްކޯއިން ކުނިގޮނޑު މެނޭޖްކުރަން ޝައުގުވެރިކަން ފާޅުކޮށްފި

މުޙައްމަދު އަކުރަމް

ކައުންސިލާއި ގުޅިގެން އިހަވަންދޫ ކޮނިގޮނޑު މެނޭޖްކުރުމުގެ ޝައުގުވެރިކަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މެވްކޯ) އިން ފާޅުކޮށްފިއެވެ. ވެމްކޯއިން އެކަމަށް ޝައުގުވެރިކަން ފާޅުކުރީ، އެކޯޕަރޭޝަނުން މިއަދި އިހަވަންދޫ ކައުންސިލްގެ އިދާރާޔަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.

ވެމްކޯގެ ސިޓީގައި ވާގޮތުން، ވެމްކޯގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ފުޅާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން އެޚިދުމަތް އިތުރު ރަށްރަށަށް ފުޅާކުރުމުގެ ގޮތުން، ރަށު ފެންވަރުގައި ކައުންސިލްތަކުން ބަލަހައްޓަމުން ގެންދާ ވޭސްޓް ސެންޓަރުތައް، ކައުންސިލްތަކާއި ގުޅިގެން ވެމްކޯއިން މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ވިސްނުން ހުރުމާއިއެކު، އެކުންފުނިން އިހަވަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު މެނޭޖްކުރުމަށް ޝައުގުވެރިވާކަމަށް ބުނެފައިވެއެވެ. އެގޮތުން އެޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ރަށުފެންވަރުގައި ކައުންސިލްތަކުން ކުނި މެނޭޖް ކުރުމަށްފަހު ބާކީ ހުންނަ ކުނި، އެރަށްރަށުން ނެގުމުގެ މަސައްކަތްތައް ކުރުމަށް ރޭވިފައިވަނީ އެކޯޕަރޭޝަނާއި ރަށު ކައުންސިލްތަކާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައެވެ. އިހަވަންދޫ ކައުންސިލުން އެކަމަށް ޝައުގުވެރިވާނަމަ އެކަން އެކޯޕަރޭޝަނަށް ހިއްސާކުރުމަށް ވެމްކޯއިން އެދިފައިވެއެވެ.

ކުނީގެ މައްސަލައަކީ އިހަވަންދޫގައި ދާއިމީ ހައްލެއް ހޯދިފައި ނުވާތާ ގިނަދުވަސް ވެފައިވާ މައްސަލައެކެވެ. ކައުންސިލުން ކުނި މެނޭޖްކުރުމަށް މުވައްޒަފުންނަގައި ކުނި އުކައިދިނުމުގެ ހިދުމަތް ދިންކަމުގައިވިޔަސް ދޭތެރެއަކުން ކުނިގޮނޑުގައި އަލިފާންޖެހުމާއި ކުނި ގޮނޑުފުރި މުޅިސަރަހައްދަށް ފުތުރެއެވެ. ކުނިގޮނޑުން އަރާ ދުމުގެ މައްސަލައަކީ އާނމު އުނދަގުލެކެވެ.