އިމަގު ޖަމިއްޔާގެ ޚަބަރުތައް އޮންލައިންކޮށް

ޢަބުދުﷲ ޙަމީދު

އިހަވަންދޫ މަސްވެރިންގެ ގުޅުމުން ހިންގާ ހަރަކާތްތަކާއި ޖަމިއްޔާގެ ޚަބަރުތައް ގެނެސްދިނުމަށްޓަކައި ވެބުސައިޓެއް ހުޅުވައިފިއެވެ. imagu.info  ގެ ނަމުގައި ހުޅުވާފައިވާ މިސައިޓުން އިމަގު ޖަމިއްޔާއިން ރާވައިގެން ހިންގާ ތަފާތު ކަންތައްތަކުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދޭކަން ފާހަގަ ކުރެވެއެވެ. އިހަވަންދޫގައި ކުރިން އޮތް މަދަނީ ދެ ކުލަބު ކަމަށްވާ މޯނިންގ ކުލަބާއި އިވްނިންގ ކުލަބު އުވި ރަށުގެ ތަރައްޤީއަށާއި މަސްވެރިންނަށް އަދި ރަށުގެ އިޤްޞާދީ ތަރައްޤީއާއި އިޖްތިމާޢީ ކުރިއެރުމާއި ތައުލީމާއި ކުޅިވަރު ހީނަރުވަމުންދާނީ މިކަންތައްތައް ދިރުވާ އާލާކުރުމަށާއި އަދި ރަށުގެ މަސްވެރިންނާއި ޒުވާނުންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އެކުލެވިގެންވާ އިޖްތީމާޢީ ގޮތުން ހޭލުންތެރި މުޖުތަމަޢެއްކަމުގައި ގާއިމްކުރުމުގެ މަޤުސަދުގައި  1996 ޖޫން 6 ވަނަ ދުވަހު ” އިހަވަންދޫ މަސްވެރިންގެ ގުޅުން ( އިމަގު ) “ ގެ ނަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ޖަމިއްޔާ ރަޖިސްޓްރީ ކުރެވުނު މިޖަމިއްޔާއިން ދަނީ ތަފާތުގިނަ ހަރަކާތްތަކެއް ރަށުފެންވަރުގައި ހިންގަމުންނެވެ. އަދި ޖަމިއްޔާގެ ހަރަކާތްތައް އަތޮޅު ފެންވަރުގައިވެސް ހިންގަމުން ދާކަން ފާހަގަ ކުރެވެއެވެ.

އިމަގު ޖަމިއްޔާގެ ވެބުސައިޓުން 2007 ވަނަ އަހަރުން ފެށިގެން އެޖަމިއްޔާގެ އަހަރީ ރިޕޯރޓުތައް ކިޔާލެވެން ހުރިއިރު ޖަމިއްޔާގެ ފުރަތަމަ ދައުރުން ފެށިގެން މިހާތަނަށް އެޖަމިއްޔާގެ ހިންގާ ކޮމެޓީތަކުގައި ތިއްބެވި ބޭފުޅުންގެ މަޢުލޫމާތުތައްވެސް ބަލާލެވޭ ގޮތަށް ވަނީ ހަދާފައެވެ. އަދި އެޖަމިއްޔާއިން ހިންގާ އެކިއެކި މުބާރާތްތަކުގެ ޤަވާޢިދާއި މުބާރާތްތަކުގައި ބައިވެރިވުމުގެ ފޯރމު ފަދަ ތަކެތި ޑައުންލޯޑު ކުރެވެން ހުންނަ ކަންވެސް ފާހަގަ ކުރެވެއެވެ.