އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަރު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެިން މޫސާއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން އިހަވަންދޫ  ފިޝްކަލެކްޝަން ފެސިލިޓީގެ ބަނދަރު ފުންކުރުމާއި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި
129 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމާއި 66 މީޓަރު އެލް ބްލޮކް ކީވޯލް ޖެހުން ހިމެނއެވެ. އަދި 20 ބޮލާޑް ޖެހުމާއި 13 ފެނޑާ ޖެހުމާއި 02 ނެރު ބައްތި ޖެހުމާއި 12 މަގު ބައްތި ޖެހުމާއި އެއްގަމުތޮށި ވަށައިގެން  3437 ސްކެއަރ މީޓަރަށް ޕޭވްމަންޓް އެޅުމާއި ޕޭވްމަންޓްގައި ފެން ހިންދުމަށް ކާނު ބެހެއްޓާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

2އ3ްމަސްވެރިކަމަކީ އިހަވަންދޫގެ މައިގަނޑު ސިނާއަތެވެ. އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ މަސްވެރިން ބާނާ މަސްކޮޅު ފަސޭއިން ކިރުވޭނެގޮތެއް ނެތުމެވެ. އެގޮތުން އެންމެ ކައިރިންވެސް މަސްކިރުވުމަށް މަސްވެރިންނަށްޖެހެނީ ޅ. ފެލިވަރަށް ދާށެވެ. ފެލިވަރަށް ގޮސް އައުމަށް 400 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން ތެލަށްކުރަންޖެހޭ ހަރަދު ބޮޑުވެ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ދަށްވުމުގެ އިތުރުން މަސްވެރިން އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަން ލިބޭ ވަގުތު އެތައްތަނެއް ކުޑަވެއެވެ. އިހަވަންދޫގައި ފިޝް ކަލެކްޝަން ފެސިލިޓީއެއް ޤާއިމް ކޮށްފިނަމަ މަސްވެރިންނަށް ދިމާވެފައިވާ މިމައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.

އިހަވަންދޫގައި ފިޝްކަލެކްޝަން ފެސިލިޓީއެއް ޤާއިމްކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެފައިވާ ވައުދެކެވެ.