ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް

މުޙައްމަދު އަކުރަމް

ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް ވިދާޅުވެއްޖެއެވެ. ސޮބާޙް މިހެން ވިދާޅުވީ މިރޭ ބޮޑުތަކުރުފާނު މާލަމުގައި، ޕީޕީއެމްއިން ބޭއްވި މަސްވެރިންގެ ހާއްސަ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ގިނަ ބަޔަކު ބައިވެރިވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ސޮބާޙް ވިދާޅުވީ މިސަރުކާރުން މަސްވެރިންގާތު ވަރަށް ފޮނި ވާހަކަތައް ދެއްކިކަމުގައެވެ. “ޕްލެޓްފޯމްތައް އަޅާގެން ޕްލެޓްފޯމަށްގޮސް މަސް ކިރައިގެން، އެތަނުން ބޭނުންވާ ތެލާ ފެނާ އެހެނިހެން ހިދުމަތްތައް ހޯދައިގެން ޖީބަށް ޑޮލަރު ލައިގެން އާނާނޭ ބުނީ! އެކަންވިތޯ އެއްވެސް މަސްވެރިޔަކު؟” ސޮބާޙް ސުވާލު ކުރެއްވިއެވެ. ސޮބާޙް ވިދާޅުވީ މިފަސް އަހަރު އިހަވަންދޫގެ އިޤްތިސާދު ފުނޑިގެން ހިގައްޖެ ކަމުގައެވެ. “އަޅުގަނޑުމެންގެ ކައިބަފައިން ގެނެސްދިން ފުރިހަމަ އިޤްތިސާދީ މަސައްކަތް މިއަދު މިވަނީ އަޅުގަނޑުމެން ވެއްޔާލާ މޮޑެފަ” ސޮބާޙް ވާހަކަ ކުރިޔަށް ގެންދެވިއެވެ. ސޮބާޙް ވިދާޅުވީ އެއީ ސަރުކާރުގެ އިޙްމާލު ކަމުގައެވެ.

މިރޭގެ ހަރަކާތުގައި ބައެއް މަސްވެރިންނާއި ކެޔޮޅުންގެ އިތުރުން އޮޑިވެރިން ބައިވެރިވެފައިވާއިރު، ވާހަކަ ދެއްކެވި ހުރިހާ ފާރާތްތަކުންވެސްވަނީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތާއިމެދު އަމަލުކުރާ ގޮތާއިމެދު ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

މިމަހުގެ 9 ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓް ލާއިރު، އިހަވަންދޫގައި ސިޔާސީ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގައި އިހަވަންދޫގެ 2403 މީހަކަށް ވޯޓް ލުމުގެ ހައްޤު ލިބިގެންވެއެވެ. އެއީ އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބު 2018 ގައި އިހަވަންދޫން ވޯޓު ދިނުމުގެ ހައްޤު ލިބުނު އަދަދަށްވުރެ 206 މީހުން އިތުރު އަދަދެކެވެ. މި އިންތިހާބުގައި އިހަވަންދޫގެ 2403 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރެއިން އިހަވަންދޫގައި ބެހެއްޓޭ 3 ވޯޓު ފޮއްޓަށް ޖުމުލަ 2021 މީހުން ވަނީ ރެޖިސްޓުރީ ކޮށްފައެވެ. އަދި މާލޭގައި ބަހައްޓާ ހއ. އަތޮޅު މާލެ 3 ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލުމަށް ޖުމުލަ 343 މީހުން ރެޖިސްޓުރީ ކޮށްފައިވެއެވެ. ހުޅުމާލޭގައި ބަހައްޓާ އެހެނިހެން 1 ނަންބަރު ވޯޓު ފޮއްޓަށް އިހަވަންދޫގެ 33 މީހުން ރެޖިސްޓުރީ ކޮށްފައިވާއިރު ވިލިނގިލީގައި ބަހައްޓާ އެހިނިހެން 1 ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލުމަށް އިހަވަންދޫގެ 6 މީހަކު ވަނީ ރެޖިސްޓަރ ކޮށްފައެވެ.