މަސައްކަތް ފަށިފައިނުވަނީ ވެލިއަޅަންޖެހޭ ގޯތިތަކުގެ ލިސްޓް ކައުންސިލުން ހިއްސާނުކުރާތީކަމަށް އެމްޓީސީސީއިން ބުނެފި

މުޙައްމަދު އަކުރަމް

އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ވެލި އެޅުމުގައި އެހީތެރިވެދޭނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައި ވާނަމަވެސް، ވެލި އަޅައިދިނުމުގެ މަސައްކަތް ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށް އިހަވަންދޫ ކައުންސިލުން އެމްޓީސީސީއަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ލިބިފައިނުވާކަމަށް ބުނެ، އިހަވަންދޫ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނަކީ، އެމްޓީސީސީ ބަދުނާމު ވާގޮތަށް ހަޤީގަތް އޮޅޭގޮތަށް ނެރެފައިވާ ބަޔާނެއްކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީއިން މިހެންބުނެފައިވަނީ އެކުންފުނިން ދެންމެ ނެރުނު ޕްރެސް ރިލީސް އެއްގައެވެ.

އެމްޓީސީސީގެ ޕްރެސްރިލީސްގައި ވާގޮތުން، އިހަވަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތަކީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރުމަށް އެކުންފުންޏާއި އިހަވަންދޫ ކައުންސިލާއި ދެމެދު ވާހަކަދެކެވިފައިވާ މަސައްކަތެކެވެ. އެމަސައްކަތަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަސައްކަތަކަށް ވުމާއިއެކު، އެމަސައްކަތް އަވަހަށް ފެށުމަށް ވެލި އެޅުމަށް ބޭނުންވާ ގޯތިތަކުގެ ލިސްޓެއް އެކުންފުންޏާ ހިއްސާކުރުމަށް، އިހަވަންދޫ ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމެއްގައި އެދިފައިވާނޭކަމަށް އެމްޓީސީސީގެ ބަޔާނުގައި ވެއެވެ. އެކުން ފުނިން އެފަދަ ލިސްޓެއް ބޭނުންވާ ސަބަބެއްކަމަށް ބުނެފައިވަނީ، ކައުންސިލުން ހުރިހާ ގޯތިތަކަށް ވެލި އެޅުމަށް އެދިފައިވީނަމަވެސް، އޭގެން ބައެއް ގޯތިތަކުގެވެރިން އެގޯތިތަކަށް ވެލިއަޅަން ބޭނުން ނުވާތީކަމަށް ބުނެފައިވެއެވެ. “ނަމަވެސް މިއަދާހަމައަށް އެފަދަ ލިސްޓެއް މިކުންފުންޏަށް ލިބިފައި ނުވާކަން ދަންނަވަމެވެ.” އެމްޓީސީސީގެ ބަޔާނުގައިވެއެވެ.

އެމްޓީސީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކުންފުނިން 2019 ވަނަ އަހަރުންފެށިގެން ޖުމުލަ 1.05 މިލިއަން ރުފިޔާގެ އެކިއެކި ހަރަކާތްތަށް އިޖްތިމާޢީ ޒިންމާގެ ދަށުން ހިލޭސާބަހަށް އިހަވަންދޫގައި ހިންގާފައިވާ ކަމުގައެވެ. އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވަނީ އިހަވަންދޫ ކައުންސިލްގެ ބަޔާނަކީ ރައްޔިތުންގެތެރޭގައި އެކުންފުންޏާ ދޭތެރޭ ނަފުރަތު އުފެދޭގޮތަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ވަރަށް ނާތަހުޒީބީ އަމަލެއް ކަމުގައެވެ.

އިހަވަންދޫ ކައުންސިލުން މިއަދުނެރުނު ޢިއުލާނުގައިވަނީ، ގޯތިތަކަށް ވެލި އެޅުމުގެ މަސައްކަތް އަވަސްކޮށްދިނުމާއި އަދި ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށް 12 ޖުލައި އަދި 15 އޯގަސްޓްގައި ފޮނުވި ސިޓީތަކަށް އެމްޓީސީސީން އެއްވެސް ޖަވާބެއް ދީފައިނުވާކަމުގައެވެ. އެހެންކަމުން ވެލި ބޭނުންވެގެން ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް، ކުރިން ވެލި ދޫކުރުމަށް ހަމަޖެހިފައިވާގޮތަށް 21 ސެޕްޓެމްބަރ 2023 ވަނަދުވަހުން ފެށިގެން ވެލި ދޫކުރަން ފަށާނެކަމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވެއެވެ. އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ބަނދަރުގެ މެއިންޓެނަންސް ޑްރެޖްކުރުމަށް ނަގާފައިވާ ވެއްޔެވެ.

ޚިޔާލު ފައުޅުކުރުން

ޙަބަރެއް ޖަހާއިރު ދެފަރާތުގެ ބަސް ހިމަނާގެން ހަބަރު ތައްް ގެނެސް ދިނީމަ ރައްޔިތުންނަށް ސާފުވާނީ ޕަޕެޓު ވެގެން ރައްޔިތުންނަށް ފައިދާ އެެއް ނުކުރާނެ