ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހިންގާދޭން ޝައުގުވެރިވާ ބަޔަކުނުވުމުން ބަޔަކު ހޯދަން އަލުން އިޢުލާންކުރަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލް އިދާރާއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކައުންސިލް ކަޕް ފުޓަސަލް ޗެލެންޖް 2023 ހިންގާދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން މިމަހުގެ 4 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއްނުވެއެވެ. ކައުންސިލް ކަޕް ފުޓްސަލް ޗެލެންޖަކީ އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން އިހަވަންދޫއަށް ނިސްބަތްވާ ފިރިހެނުންގެ މެދުގައި ބާއްވަމުންއަންނަ ފުޓްސަލް މުބާރާތެކެވެ.

މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޙްއާ ސުވާލުކުރުމުން އެބޭފުޅާ ވިދާޅުވީ ކައުންސިލްގެ އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާކަމަށާ، އެހެންކަމުން ދެވަނަ ފަހަރަށް އިޢުލާނުކުރާނެ ކަމުގައެވެ. ކުރިން މިމުބާރާތް ބާއްވަނީ މުބާރާތުގެ ހުރިހާކަމެއް ކައުންސިލުން އިންތިޒާމްކުރާގޮތަށެވެ. ނަމަވެސް ކައުންސިލުން ނިންމާފައިވަނީ މިފަހަރުގެ މުބާރާތް ދެވަނަ ފަރާތަކާއި ހަވާލުކޮށްގެން ކުރިޔަށްގެންދިއުމަށެވެ.

ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓްގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭއެވެ. އެޓީމްވަނީ ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަން އެންވީކޭއަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަފް ޔުނައިޓެޑް ޔޫތަށްވަނީ 2500ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.