ބާރަށު މަދަރުސާގެ ދަރިވަރުން އިހަވަންދޫގައި

ޢަބުދުﷲ ޙަމީދު

ހއ. ބާރަށު މަދަރުސާގެ ގުރޭޑް 10ގެ ދަރިވަރުންނާއި ބައެއް މުދައްރިސުން އިހަވަންދޫ މަދަރުސާއަށް ޒިޔާރަތް ކޮށްފިއެވެ. ބާރަށު މަދަރުސާގެ ޓީމު ދަތުރުކުރި ދޯނި އިހަވަންދުއަށް އައިސްފައިވަނީ މިއަދު ހެނދުނު 11:03 ގައެވެ. މިދަތުރުގައި ބާރަށު މަދަރުސާގެ ޕުރިންސިޕަލް އަލްފާޟިލް އަޙުމަދު ޝާހިދުވެސް ބައިވެރިވެލައްވައެވެ.

މިދަތުރުގައި ބާރަށުމަދަރުސާގެ 11 މުވައްޒަފުންނާއި 23 ދަރިވަރުންނާއި 7 ބެލެނިވެރިންނާއި އެކު ޖުމުލަ 41 ބޭފުޅުން ބައިވެރިވެލައްވައެވެ. ބާރަށުމަދަރުސާގެ ޕުރިންސިޕަލް އަލްފާޟިލް އަޙުމަދު ޝާހިދު އިހަވަންދޫ ޑޮޓްކޮމް އަށް ދަތުރާއިގުޅޭ މަޢުލޫމާތު ދެއްވަމުން ހާމަކުރެއްވިގޮތުގައި މިދަތުރުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނާއި ދަރިވަރުން، އަދި މުވައްޒަފުންނާއި މުވައްޒަފުންގެ މަޢުލޫމާތު ބަދަލުކުރުމާއި ތަޖުރިބާ ހިއްސާ ކުރުމެވެ.

އަޙުމަދު ޝާހިދު އިތުރައް ހާމަ ކުރެއްވިގޮތުގައި ބާރަށުމަދަރުސާގެ ގުރޭޑު 10 ގެ ދަރިވަރުންގެ ފިޝަރީޒް ސައިންސް ޕުރޮޖެކުޓު މަސައްކަތް ކުރުމަށްޓަކައި މިއަހަރުގެ ފުރަތަމަ ޓާމުގެ ކުރީކޮޅު އިހަވަންދުއަށް ޒިޔާރަތް ކުރުމަށް ޝެޑިއުލްކުރެވުނު ކަމަށާއި ނަމަވެސް އެދުވަސްވަރު ދިމާވިގޮތުން ދަތުރު ނުކުރެވި ވާތީ އާއި އެކު މިހަފުތާބަންދުގައި އިހަވަންދޫމަދަރުސާގެ ގުރޭޑް 10ގެ ސްޓަޑީ ކޭމްޕު ކުރިއަށް ދާތީ އެކޭމްޕުގައި ބައިރަށު މަދަރުސާގެ ދަރިވަރުން ބައިވެރިކުރުން ވެސް  މިދަތުރުގެ ބޭނުމުގައި ހިމެނޭކަމަށެވެ.

ބާރަށު މަދަރުސާގެ ގުރޭޑް 10 ގެ ދަރިވަރުންނާއި އިހަވަންދޫ މަދަރުސާއިން ހޮވާލެވުނު ފިރިހެން ޓީމަކާއި ދެމެދު މިއަދު ހަވީރު ވަނީ ވޮލީމެޗެއްވެސް ކުޅެފައެވެ. 3 ސެޓައް ކުޅުނު މިމެޗު 2 ސެޓު 1 ސެޓުން ކާމިޔާބު ކޮށްފައިވަނީ އިހަވަންދޫ މަދަރުސާގެ ޓީމެވެ. މިމެޗުގެ ފުރަތަމަ ސެޓާއި ތިންވަނަ ސެޓު ކާމިޔާބުކުރީ އިހަވަންދޫމަދަރުސާގެ ޓީމެވެ. ސެޓުތައް ގޮސްފައިވަނީ 17 – 25 ، 25 – 17 އަދި 9 – 15 އިންނެވެ. ބާރަށު މަދަރުސާގެ ޓީމު އިހަވަންދޫން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:45 ގައެވެ.