"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި

މުޙައްމަދު އަކުރަމް

“ކާފަމާމަ މައިޒާން” ނުގެ ނަމުގައި މައިޒާނެއް ހެދުމަށް އެހީތެރިވުމަށް ކްލަބް ޕޯލްސްޓަރއަށް، 100،000 (އެއް ލައްކަ) ރުފިޔާގެ އެހީތެރިކަން ދިނުމަށް  އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން އެގޮތަށް ނިންމީ، އެކަމުގައި އެހީތެރިކަން ހޯދުމަށް ކްލަބް ޕޯލްސްޓާރއިން އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާއިމެދު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ ޖަލްސާގައެވެ.

“ކާފަމާމަ މައިޒާން” ނުގެ ނަމުގައި މައިޒާނެއް ހަދަން ކްލަބް ޕޯލްސްޓާއިން ކުރަމުންދާ މަސައްކަތަށް 380،000ރ ހަރަދުވާނެކަމަށް އެކުލަބުން އަންދާޒާ ކުރެއެވެ. ރަށްރަށުގައި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލި ފުރުޞަތުގެ ދަށުން ކްލަބް ޕޯލްސްޓަރއިން “ކާފަމާމަ މައިޒާން” ހެދުމަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށްފައިވާތީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިންވެސް ވަނީ އެ ޕްރޮޖެކްޓަށް  241،000 (ދެލައްކަ ސާޅީސް އެއްހާސް) ރުފިޔާގެ މާލީ އެހީތެރިކަމެއް ދިނުމަށް ނިންމާފައެވެ.

ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއު ވިދާޅުވީ މިމަސައްކަތަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެގޮތުން ބައެއް ޕްރޮޕޯސަލްތައް ހުށަހަޅާފައިވާއިރު ބައެއް ވިޔަފާރިވެރިންނާވެސް ވާހަކަދައްކަމުން އަންނަކަމުގައެވެ. ސުޖާއު ވިދާޅުވީ ޕާކްގެ މަސައްކަތް މިމަސް ނިމޭހިސާބުގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމުގައެވެ.

ކްލަބް ޕޯލްސްޓަރ އަކީ އިހަވަންދޫގައި ހަރަކާތްތެރިވަމުންއަންނަ  އެންޖީއޯ އެކެވެ. އެޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ 29 ޖުލައި 1999 ގައެވެ. ކްލަބް ޕޯލްސްޓަރއަށް އަންނަ އަހަރު 25 އަހަރު ފުރޭނެއެވެ.

ޚިޔާލު ފައުޅުކުރުން

އެ ގޮތަށް ރައްޔިތުންގެ ބަޖެޓުން ވަކި ޖަމިއްޔާއަކަށް ލާރި ދެވޭނެތަ