އެމްޑީޕީގެ ކެމްޕޭނަށް އާރުޑީސީގެ މުވައްޒަފުންނާއި ވެހިކަލް ބޭނުންކުރާކަމަށް ބުނާ މައްސަލަ އޭސީސީއަށް

.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނުގެ މަސައްކަތަށް، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ވެހިކަލާއި މުވައްޒަފުން ބޭނުންކުރާކަމަށްބުނެ އަމިއްލަ ފަރާތަކުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފިއެވެ. އެފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ނާޖާއިޒް ނުފޫޒު ފޯރުވައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނުގެ މަސައްކަތަށް، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ވެހިކަލާއި މުވައްޒަފުން ބޭނުންކުރަމުން ދާކަމުގައެވެ.

އިހަވަންދޫ ހަޒާރުމާގޭގައި އެމްޑީޕީން އިމާރާތް ކޮށްފައިވާ ހަރުގޭގެ މަސައްކަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ވެހިކަލްތައް ބޭނުންކުރާކަމަށްބުނެވެސް 2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އަމިއްލަ ފަރާތަކުން، އޭސީސީ އަށް މައްސަލަ ހުށަހެޅިއެވެ. އެކަމާ ގުޅިގެން މިނޫހުން ހަޒާރުމާގޭ އަބުދުﷲ ހުސައިންއާއި ސުވާލުކުރުމުން ބުނީ، އެމްޓީސީސީ އިން އެއިމާރާތް ސާފުކުރަނީ ރުފިޔާ ދައްކައިގެންކަމުގައެވެ. “ހަމަ އެހެން މީހުންނަށްވެސް އެމްޓީސީސީއިން މަސައްކަތް ކޮށްދޭ އުސޫލުން އެކަން ހިނގަނީ” އަބުދުﷲ ހުސައިން ބުންޏެވެ. އަބުދުﷲ ބުނީ އެމަސައްކަތަށް މިހާތަނަށް 3700ރ ދައްކާފައިވާނެކަމުގައެވެ.