Banner Image Description

"ތިލަ އުތުރު ރަންތާޖު" ޤުރްއާން މުބާރާތުގެ އިހަވަންދޫ އޯޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންނަށާއި، ހއ އަތޮޅުގެ ސްކޫލް މަދަރުސާތަކަށް ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ ހއ.އަތޮޅު “ރަންތާޖު” ޤުރްއާން މުބާރާތުގެ އިހަވަންދޫ އޯޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫ ކައުންސިލް އިދާރާއިން ހުޅުވާލައިފިއެވެ.

މިކަމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، އެމުބާރާތުގެ އޯޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/WPazecD1HZpcdoiH8 މިފޯމް މިމަހުގެ 4 ވަނަ ދުވަހުގެ 23:00 ގެ ކުރިން ފުރިހަމަކުރަން ޖެހެއެވެ. ހއ އަތޮޅު ކައުންސިލުން ޢިއުލާންކޮށްފައިވާ ގޮތުގައި “ތިލައުތުރު ރަންތާޖު” ޤުރްއާން މުބާރާތް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާއި ހަމަޔަށެވެ.

ޤައުމީ މުބާރާތަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ މިމުބާރާތުގައިކުރާ ޕާފޯމެންސަށް ބަލައިގެންނެވެ. އެގޮތުން ސްކޫލުކުދީންގެ ބައިން ޤައުމީ މުބާރާތަށް ހޮވޭ ދަރިވަރުންނަށާއި އާންމުންގެ ބައިން ޤައުމީ މުބާރާތަށް ހޮވޭ ފަރާތްތަކަށް ދެކޮޅު ޓިކެޓް ދިނުމަށް ހއ އަތޮޅު ކައުންސިލުންވަނީ ނިންމާފައެވެ. މުޅި މުބާރާތުގެ 1 ވަނަ ރަށަށް 10،000ރ، މުޅި މުބާރާތުގެ 2 ވަނަ ރަށަށް 7000ރ އަދި މުޅި މުބާރާތުގެ 3 ވަނަ ރަށަށް 5000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއީ ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމުގެ މަސައްކަތްކުރުމަށާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖުވީދު މަގަށް ޤުރްއާން ކިޔެވުމަށާއި، ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ހއ އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން މުމުބާރާތުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާ، ޤާރީންނާއި ޙާފިޡުން އުފެއްދުމަށް ބާރު އެޅުމާއި، ބައިނަލް އަޤްވާމީ މުބާރާތްތަކަށް ބޭނުންވާ ފެންވަރުގެ ދަރިން އުފެއްދުމެވެ.