ފަލަސްތީނަށް އެޙީވުމަށް 'ފަލަސްތީނާއެކު އިހަވަންދޫ' ނަމުގައި ލައިވް ސްޓްރީމެއް ކުރިޔަށްގެންދަނީ

.

އިހަވަންދޫގެ މުއައްސަސާތައް އަދި ޒުވާނުން ގުޅިގެން ފަލަސްތީނަށް އެޙީވުމަށް މާދަމާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ލައިވް ސްޓްރީމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ  މާދަމާ މެންދުރުފަހު 2 ކުން ފެށިގެންނެވެ. މި ޕްރޮގްރާމުގައި ބައިރިވެރިވެ  ފަލަސްތީނުގެ މުސްލިމް ރައްޔިތުންނަށް އެހީތެރިވުމަކީ މިހަރަކާތް ކުރިއަށްގެންދާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ. މިޙަރަކާތުން ލިބޭ ފައިސާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ރައްޔިތުންގެ ނަމުގައެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފަ އެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. އެގޮތުން މެދުކެނޑުމެއްނެތި ގާޒާއަށް ބޮން އަޅަމުންދާއިރު އިޒްރޭލުން މިހާރު ވަނީ ގާޒާއިން ފެނާއި ކަރަންޓް އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފަ އެވެ.

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަން އަންގައިދޭން ރައްޖޭގައިވެސްދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަޑު އުފުލަމުން އަންނައިރު، މިއަދު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ މި ކަހަލަ ހަރަކާތްތައް ބާއްވަމުންނެވެ.