'ފަލަސްތީނާއެކު އިހަވަންދޫ' ހަރަކާތަށް ދޮޅު ލައްކަ އަށްވުރެ ގިނަ ރުފިޔާ!

މުޙައްމަދު އަކުރަމް

އިހަވަންދޫގެ މުއައްސަސާތައް އަދި ޒުވާނުން ގުޅިގެން ފަލަސްތީނަށް އެޙީވުމަށް ‘ފަލަސްތީނާއެކު އިހަވަންދޫ’ ގެ ނަމުގައި ހިންގި ހަރަކާތަށް 154،000 އަށްވުރެ ގިނަ ފައިސާ ލިބިފައިވާކަން އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެހަރާކަތަށް 154،000 ރުފިޔާ އަދި 50 ޔޫއެސް ޑޮލަރު ލިބިފައިވެއެވެ.

އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބް މައުލޫމާތު ދެއްވިގޮތުގައި، ‘ފަލަސްތީނާއެކު އިހަވަންދޫ’ ގެ ނަމުގައި ހިންގި ހަރަކާތުން ލިބުނު ފައިސާ ފަލަސްތީނަށް އެހީވުމަށް، މިވާހަރުވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ހަވާލުކޮށްފައެވެ.

‘ފަލަސްތީނާއެކު އިހަވަންދޫ’ ގެ ނަމުގައި ކުރިޔަށްގެންދިޔަ ހަރަކާތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކުރިޔަށްގެންދިޔަ ލައިވް ސްޓްރީމުންނެވެ. އިއްޔަވަނީ އެހަރަކާތުގެ ދަށުން އިހަވަންދޫގައި ބޮޑު ހިނގާލުމެއް ކުރިޔަށް ގެންގޮސްފައެވެ. އެތައްސަތޭކަ ބަޔަކު ބައިވެރިވި އެހަރަކާތަށްފަހު ބެހެއްޓި ފަންޑް ފޮށްޓަށް ފައިސާ ޖަމާކުރުމަށް ގިނަބަޔަކު ކިއުގައި ތިއްބެވެ. މިއީ އިހަވަންދޫގައި ބޭއްވި މިފަދަ ހަރަކާތެއްގައި އެންމެ ގިނަބަޔަކު ބައިވެރިވި ހަރަކާތެވެ.

@ihavandhoo.com #Palestine aa eku #ihavandhoo #maldives #palestine #solidaritywithpalestine #gazaunderattact ♬ ميدلي فلسطين – cherif neder

ހަމާސް އިން އިޒްރޭލަށް މިމަހުގެ 7 ވަނަ ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ދަނީ ޝަހީދު ވަމުންނެވެ. އެގޮތުން މެދުކެނޑުމެއްނެތި ގާޒާއަށް ބޮން އަޅަމުންދާއިރު އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓް އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފަ އެވެ.

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަން އަންގައިދޭން ރައްޖޭގައިވެސްދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަޑު އުފުލަމުން އަންނައިރު، މިއަދު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ މި ކަހަލަ ހަރަކާތްތައް ބާއްވަމުންނެވެ.