ތިލައުތުރު ފުޓްސަލް މުބާރާތުގައި މިއަހަރު 11 ޓީމް ބައިވެރިވެއްޖެ

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި 11 ރަށަކުން ބައިވެރިވެއްޖެއެވެ. މިދިޔަ އަހަރުގެ، ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވަނީ 10 ރަށަކުންނެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ ތަކަންދޫ، އުތީމް، ފިއްލަދޫ، ބާރަށް، މާރަންދޫ، ތުރާކުނު، ކެލާ، ވަށަފަރު، އިހަވަންދޫ، މުރައިދޫ އަދި ދިއްދޫއެވެ. މިއަހަރު އަލަށް މިމުބާރާތުގައި ބައިވެރިވީ ތަކަންދޫއިންނެވެ. އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިޔަށް ގެންދަނީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް 1 އަދި 2 ގައި 4 ޓީމް ހިމެނޭއިރު ގްރޫޕް 3 ގައި ހިމެނެނީ 3 ޓީމެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމްގެ އިތުރުން ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެވެ. ގްރޫޕް 3 ގެ ޓީމްތަކަށް އެއްމެޗް މަދުވުމުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ 2 ވަނަ ޓީމަށް ވުމުގެ ފުރުސަތު ކުޑަވާތީ ގްރޫޕް 3 ގެ 2 ވަނަ އަދި 3 ވަނައަށްދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅޭނެއެވެ. ނަމަވެސް ގްރޫޕް 3 ގެ އެއްވަނަ ޓީމް ހޮވުމަށް އެމެޗްގެ ނަތީޖާއަށް ނުބަލާނެއެވެ. ހއ މާރަންދޫގައި ކުރިޔަށްގެންދާ މިމުބާރާތުގެ ފައިންލް މެޗް އޮންނާނީ ނޮވެމްބަރ މަހުގެ 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަތުގެ މުބާރާތުގައިވެސް ބައިވެރިވެވެނީ ކޮންމެ ރަށަކުންވެސް އެއް ޓީމަށެވެ. ނަމަވެސް މިދިޔަ މުބާރާތާއި ހިލާފަށް މިއަހަރުގެ މުބާރާތުގެ އެންމެ ބޮޑު ތަފާތަކީ، މިއަހަރުގެ މުބާރާތުގެ ހިންގާ ޤަވާއިދަށް ގެނެސްފައިވާ ބަދަލެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހުނެވެ، ނަމަވެސް މިއަހަރުގެ މުބާރާތުގެ ހިންގާ ޤަވާއިދަށް ބަދަލުގެނެސް އެރަށަކަށް ނިސްބަތްވާ ކޮންމެ ރަތްޔިތަކަށްވެސް އެރަށެއްގެ ޓީމަށް ކުޅެވޭގޮތްވަނީ ހަދާފައެވެ. މުބާރާތުގެ ބޭނުމަށް އެރަށެއްގެ ރަށްވެއްސެއްކަމަށް ބަލަނީ 1 ޖެނުއަރީ 2023 ގެ ކުރިން އެރަށެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ. މިއަދިޔަ އަހަރު ހއ އަތޮޅު ކައުންސިލުން ބޭއްވި، ތިލައުތުރު ފުޓްސަލް މުބާރާތް 2022 ކުރިޔަށް ގެންދިޔައީ އުތީމް ކައުންސިލާއި ގުޅިގެން އުތީމުގައެވެ.

މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 2 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފިއްލަދޫއެވެ.