އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި

.

ރޭހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި ނިޔާވީ ހއ އިހަވަންދޫ، ނަޔާޑޭޒީ އަބްދުއްރަޝީދު މުހައްމަދު (68އ) ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު، އިހަވަންދޫ  މަސްޖިދުއްތައުބާގައި ބާއްވަން ނިންމައިފިއެވެ.

އަބްދުއްރަޝީދު ނިޔާވީ، ހިބަރު މަސްވެރިކަން ނިންމައި ރަށަށް  އައުމަށް ދަތުރުކުރަމުން ދަނިކޮށް ބާރު ސްޕީޑުގައި އައި ޑިންގީއެއް އެ ދޯނީގައި ޖެހި އަބްދުއްރަޝީދު ކަނޑަށް ވެއްޓިއެވެ. އެކްސިޑެންޓްގައި އަބްދުއްރަޝީދުގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު، މަތީ ތުންފަތްވެސްވެސް ވަނީ 3 އިންޗިއެއްހާތަން ވީދިފައެވެ. އަބުދުއް ރަޝީދާއިއެކު ދޯނީގައި ހުރީ އޭނާގެ ދަރިއެއް ކަމަށްވާ އަލީ ޝަރީފެވެ. އަލީ ޝަރީފަށް އެކްސިޑެންޓްގައި އަނިޔާވެފައެއް ނުވެއެވެ. އެކްސިޑެންޓްވީއިރު އަބުދުއްރަޝީދު ހުރީ ދޯނި ދުއްވާށެވެ. އެކްސިޑެންޓާއިއެކު އަބްދުއްރަޝީދު މޫދަށް ވެއްޓުނު ނަމަވެސް ދޯނި ދިޔައީ ކުރިޔަށް ދުވަމުންނެވެ.

އެކްސިޑެންޓްވި ޑިންގީގައި ތިބިމީހުން ބުނީ އެމީހުން ދަތުރު ކުރަމުންދިޔައީ ހދ ނެއްލާދޫއިން ފުރައިގެން ހއ ވަނގާރަށް ދިއުމަށެވެ. އެކްސިޑެންޓްވި ޑިންގީގައި 8 މީހަކު ތިއްބެވެ. އޭގެތެރެއިން 4 މީހަކަށް އަނިޔާވެގެން އިހަވަންދޫ އާމިނާ ދިޔޯ ސިއްޙީމަރުކަޒުން ފަރުވާ ދިނުމަށްފަހު، ރޭ ދަންވަރުވަނީ އިތުރުފަރުވާއަށް ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ރެފަރ ކޮށްފައެވެ. މައުލޫމާތުލިބޭ ގޮތުގައި އެމީހުނަށް، ފުރާނައަށް ގެއްލުން ލިބޭވަރުގެ އަނިޔާއެއް ވެފައެއް ނުވެއެވެ. ޑިންގީން ދަތުރުކުރި  މީހަކު ބުނީ އެކްސިޑެންޓަށްފަހު މީހަކު ހަޅޭލެވި އަޑު އިވުނުކަމަށާ ނަމަވެސް އެކްސިޑެންޓްގައި ޑިންގީއަށް ގެއްލުންވެ ފަޅައިގެންގޮސް އަޑިއަށްދާތީ އިހަވަންދޫ ފަޅަށް ވަނީކަމުގައެވެ. ޑިންގީގައި ތިބިމީހުންނަށް، އެކްސިޑެންޓްވީ އިހަވަންދޫ ދޯންޏަކާކަމެއް ނޭގެއެވެ. ޑިންގީގައި ތިބިމީހުންބުނީ އެކްސިޑެންޓްވި ދޯނީގައި އެއްވެސް އަލިކަމެއް ނެތްކަމުގައެވެ.

އިހަވަންދޫ މީހުންނަށް ކަމެއް ހިނގައިގެންއުޅޭކަން އެނގުނީ އެކްސިޑެންވި ޑިންގީގެ މީހުން އިހަވަންދޫއަށް އައިސް އެހަބަރު ދިނުމުންނެވެ. އެކްސިޑެންޓްވި ދޯނި ހޯދަން ނުކުތީ ޑިންގީގެ މީހަކު ގޮވައިގެންނެވެ. ހޯދަން ނުކުތް މީހުންނަށް އަބްދުއްރަޝީދު ފެނުނީ އެކްސިޑެންޓްވި ސަރަހަށްދަށްވުރެ ވަރަށްބޮޑަށް އުތުރުންނެވެ. އޭރު އަބްދުއްރަޝީދު އޮތީ ފެންމަތީގައި ބަންޑުންނެވެ. އަބްދުއްރަޝީދު މޫދުން ނެގި މީހުންވެސްބުނީ، އޭނާ މޫދުން ނެގިއިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމުގައެވެ. މައުލޫމާތު ލިބޭގޮތުގައި އަބްދުއްރަޝީދު އާމިނާދިޔޯ ސިއްޙީ މަރުކަޒަށް ގެނައިރުވެސްވަނީ ނިޔާވެފައެވެ.