ހަތަރުވަނަ ސަނީ ކަޕްގެ ޗެމްޕިއަންކަން، މިކަންނިންމާނަން ޓީމުން ހޯދައިފި

މުޙައްމަދު އަކުރަމް

ހަތަރުވަނަ ސަނީ ކަޕްގެ ޗެމްޕިއަންކަން މިކަންނިންމާނަން ޓީމުން ހޯދައިފިއެވެ. އެޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗްގައި ޖެހީނެގީ ޓީމް ސީދާ 3 ސެޓުން ބަލިކޮށްގެންނެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ފުރަތަމަ މަސައްކަތްކުރީ މިމަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް ވިއްސާރަވުމުން ކުޅުން ކުރިޔަށް ނުގެންދެވިގެން ވަކި ހިސާބަކުން އެމެޗް ނިންމާލައި އަލުން ފައިނަލް މެޗް މިރޭ ކުޅުނީއެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިކަން ނިންމާނަން ޓީމްގެ އައިޝަތު ޝިފާނާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޖެހީނެގީ ޓީމްގެ މުހައްމަދު އަގީލް ހޮވިފައިވާއިރު،  21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމްގެ ސަމާހާއެވެ. މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ:

  1. – އައިޝަތު ޝިފާނާ (މިކަންނިންމާނަން)
  2. – ފާތިމަތު ރަޝީދާ (މިކަންނިންމާނަން)
  3. – އާއިޝަތު އަޒުހާރާ (މިކަންނިންމާނަން)
  4. – އާއިޝަތު ރައޫފާ (ޖެހީނެގީ)
  5. – ތޯހިރާ މުހައްމަދު (ޖެހީނެގީ)
  6. – ނާޒިމާ އަބުދުލްވާހިދު (މިކަންނިންމާނަން)

 

ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ އެވެ. އިހަވަންދޫގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ވޮލީ ކުޅުންތެރިޔާ، އަދި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރު ފާތިމަތު ޝަނީޒާ އިންތިޒާމް ކޮށްގެން ބޭއްވި މިމުބާރާތަކީ ޝަނީ ކަޕްގެ 4 ވަނަ މުބާރާތެވެ.  2011 ވަނަ އަހަރު ފެށިގެން ބާއްވަމުން އަންނަ މިމުބާރާތުގެ، ދެވަނަ މުބާރާތް 2014 ވަނަ އަހަރު ބާއްވާފައިވާއިރު ތިން ވަނަ މުބާރާތް ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ޝަނީޒާ މައުލޫމާތު ދެއްވިގޮތުގައި މިމުބާރާތަކީ ވޮލީކުޅޭ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އަރަމުންއަންނަ ކުޅުންތެރިންނަށް އިތުރު ފުސަތުތައް ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. ފަހަކަށްއައިސް ސްކޫލް ދަރިވަރުންނަށް މިފަދަ މުބާރާތްތައް ނުބާއްވާތީ، އަލަށް އުފެދޭ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ޕާފޯމް ކުރުމުގެ ފުރުސަތު ލިބުމުގެ މުހިއްމުކަން ޝަނީޒާ ފާހަގަކުރެއްވިއެވެ. މިމުބާރާތުގެ ޓީމްތައް ބަހާފައިވަނީވެސް ކެޅެންއަންނަ ކުޅުންތެރިންގެ މެދުގައިކަމުން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތުލިބި ހަމަހަމަ ޓީމްތަކެއް އޮތުމުން މުބާރާތުގެ ވާދަވެރިކަން އިތުރުވެގެންދެއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 2000ރ ގެ ފައިސާގެ އިނާމު އަދި ދެވަނަ ޓީމަށް 1000ރ ގެ ފައިސާގެ އިނާމު ދީފައިވެއެވެ.