މައްސަލައަކަށްވީ ހަމައެކަނި ޕިންކު ކުލައިގެ ފޮއްޗެއް ނޫން: ކައުންސިލްގެ ރައީސް

ޢަބުދުﷲ ޙަމީދު

ޕިންކު ކުލާގެ ފޮތިތަކެއްގެ ސަބަބުން، އިހަވަންދޫގެ ކައުންސިލަރުންނަށް ޤައުމީ ބޮޑު މަސައްކަތް ހަނދާން ނެތިއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު އިސްމާޢިލް ވިދާޅުވި ވިދާޅުވުން އިހަވަންދޫ ކައުންސިލުން ދޮގުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ މަސްވެރިންގެ ދުވަހަށް އިހަވަންދޫ ޒީނަތްތެރިކޮށް އެހެން އިންތިޒާމުތައް ވެސް ހަމަޖެއްސީ ކައުންސިލުން އިސްނަގައިގެން، ރަށުގެ އެންމެން ނުކުމެ ކަމަށެވެ. ޤައުމީ ލެވެލް ގައި މަސައްކަތް ކުރަމުން ދިޔައިރު ޑިސެމްބަރ 14 ވަނަ ދުވަހުވެސް އެފަދަ ކަމެއް ހިނގި ކަމަށް ވިދާޅުވެ، ކަންތައް ތަކުން ދުރައްޖެހެން ޖެހުނު ސަބަބުތައް ރައީސް ވަނީ މިނޫހާ ހިއްސާކުރައްވާފައެވެ.

އެގޮތުން ޤައުމީ މަސައްކަތެއް ކަމަށްދެކި މަސައްކަތް ކުރަމުން ދަނިކޮށް 14 ޑިސެމްބަރުގައި ބަޔަކު ފޮތި ތަކެއް ދެމައިގެން، މަސައްކަތް ކުރަން ތިބި ފަރާތްތަކުން ހިތްހަމަ ނުޖެހުން އައިސްގެން، ޕާޓީތަކުން އެފަދަ ކަންތައްތައް ކުރާނަމަ ކައުންސިލަށް ތާއިދުކުރާ ފަރާތްތަކުންވެސް އެފަދަ ހަރަކާތްތައް ކުރާނެ ކަމަށް ކައުންސިލަށް ތަފާތު ގޮތް ގޮތުން އަންގަމުން ދިޔުމާ ގުޅިގެން، އެފަދަ ކަމެއް ހިނގައިފި ނަމަ އަނެއްކާ ތަފާތު އެހެން މަންޒަރެއް ފެނި، ގައުމީ ލެވެލް ގައި ކުރަމުންދާ ކަމަކަށް އަނެއްކާ ވަރަށްބޮޑު ހުރަހެއް އެޅޭނެ ކަމަށް ކައުންސިލަށް ފެންނާތީ ކައުންސިލުން ނިންމީ ޕީޕީއެމް އިން އެކަން ކުރި ފަރާތްތަކާ ވާހަކަ ދައްކާގެން ފޮތިތަށް ނަގަން ކަމަށެވެ. މިގޮތުން ކުރެވުނު މަސައްކަތުން ފޮތިތައް ނެގުމަށް އެއްބަސްވެ، ދެފަރާތުންވެސް ކުރިއަށް ހުރި މަސައްކަތް ތަކުގައި ބައިވެރިވެގެން ކުރިއަށް ދިއުމަށް ތިބިކަމުގެ ޔަގީން ކަން ދިނީމަ އެފޮތިތައް ނަގާ އަލުން މަސައްކަތަށް ނުކުމެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުވަހަށްޓަކައި ހަދަމުން ދިޔަ ގިޑިގެތައް، މިނިސްޓުރީންވެސް ބަރާބަރަށް ޗެކު ކުރައްވަމުން، އެއީ ކިހިނެއް ހަދަމުންދާ ތަކެއްޗެއްތޯވެސް ބަލަމުން ދިޔަ ނަމަވެސް އެތަކެތިން ތަފާތު މެސެޖުތަކެއް ދޭކަމަށް ބުނެ ގިޑިގެތައް ނަގަން އެންގީ ޖެހިގެން އައި ދުވަހުގެ ހެނދުނު 6 ޖެހިރު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަސައްކަތްތަކަކީ ފަންނީ މީހުންނާ ވާހަކަ ދައްކައިގެން ވަރަށް ބުރަކޮށް ކުރެވުނު ފަންނީ މަސައްކަތްތަކެއްކަން ފާހަގަ ކުރައްވާ އެއީ “އެއްވެސް ހާލެއްގަ ސަރުކާރަށް ނުބާ މެސެޖެއް ދިނުމަށްޓަކާ އަޅުގަނޑުމެންގެ ވިސްނުން ތެރެއިން ނެރެފައިވާ ވިސްނުމެއްވެސް ނޫން. ހަގީގަތުގަ އެތަކެތި ހެދުމުގަވެސް އެންމެ އިސްކޮށް ތިއްބެވީވެސް ޕީޕީއެމް އަށް ނިސްބަތްވާ، ފެށިގެން ހަމަ އިސް ވެރިން” ކަމުގައި މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ހަމަ އެގޮތަށް ހުކުރު ދުވަހުގެ ހެނދުނު ކައުންސިލުން ތަފާތު ކަންތައްތަކަށް ކޯޑިނޭޓު ކުރެވި، ޓާސްކުތަކަށް މީހުން ހަމަޖެއްސާފަ ވަނިކޮށް ހިނގާދިޔަ ކަންތައްތައް ހިއްސާ ކުރައްވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ، އެތައް ދުވަހެއް ވަންދެން ބައެއް މީހުންނާ ވާހަކަދައްކާ އިތުބާރު އުފައްދާ، ކަންކަމުގަ ޕާފޯރމު ކޮށްދޭނެ ކަމުގެ ޔަގީން ކަން ހޯދި ކަމަށް ވިދާޅުވެ، މިނިސްޓަރާއި ޓީމަށް މަރުހަބާ ދެންނެވުމާ، މާބޮނޑި އެރުވުމަށް މުވައްސަސާއަކާ ހަވާލުކުރެވި އެމުވައްސަސާއިން މާބޮނޑިތަކާ އެކަމަށް ކުދިން ތައްޔާރު ކޮށްފައި ވަނިކޮށް އެހެން ފަރާތަކުން އަނެއްކާ ކުއްޖަކު ތައްޔާރުކޮށްގެން މާބޮނޑި އަރުވަން ގެންދިއުމަކީ ކައުންސިލާ ދޭތެރޭގަ އެހެން ނަޒަރިއްޔާތަކުން ދެކޭކަން ހާމަވެގެން ދިޔަ ކަމެއްކަމަށް ފާހަގަ ކުރައްވާ، ކައުންސިލުން ކުރުނބާ ތައްޔާރުކޮށް، ކުދިން ތައްޔާރުކޮށް ގެނާމަ، އެކުދިން އެހެން ކަމަކަށް ބޭނުންކޮށް، މިނިސްޓަރ ޝައިނީ އަށް މަރުހަބާ ދެންނެވުމަށްޓަކައި ޕިންކު ކުލާގެ ދިދަފަތިދީ އެކުދިން އެކަމަށް ބޭނުންކޮށް މިނިސްޓަރަށް ވަކިން އެހެން ފަރާތަކުން ކުރުނބާ ތައްޔާރުކޮށް ހަވާލު ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަންތައްތަކަކީ ކައުންސިލްގެ އަގު ވައްޓާލުމަށްޓަކައި ބަޔަކު އަޑީގައި ތިބެގެން ރާވާފައިވާ ކަންތައްތަކެއްކަމަށް ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ. މިހާހިސާބަށް ކަންތައް ދިއުމުން ކައުންސިލަށް މަސައްކަތް ކުރަން އުނދަގޫ ވެގެން ދިޔަ ކަމަށާ، ދެންވެސް ކުރިއަށް ރާވާފަ ހުރި ކަންތައްތަކަށް ވާނެ ގޮތަކާމެދު ސުވާލު އުފެދުނު ކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންތަކެއްގެގެ އަގު ވެއްޓޭ ހިސާބަށް ދާންވީމަ، މިނިސްޓްރީގެ ޓީމާ އެކަން ހިއްސާ ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ކައުންސިލުން ކޯޑިނޭޝަން އެއްގެ ދަށުން މަސައްކަތް ކުރަން ހުއްޓާ ކަންތައް މިހެންހިނގަމުންދާތީ މިއީ ލިބޭ ވަރަށްބޮޑު ހުތުރަކަށް ވާތީ، މިނިސްޓްރީގެ ޓީމުން މިހާރު ކޯޑިނޭޓު ކުރައްވަމުން ތިދާ ޓީމާ ކޯޑިނޭޓު ކުރައްވައިގެން ކުރިއަށްދިއުމަށް ފެންނަ ކަމަށާއި ކައުންސިލުން ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ފުރިހަމައަށް ދެމުން ގެންދާނެ ކަމަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ހިއްސާ ކުރި ފަހުން މިނިސްޓަރ ޝައިނީ ކައުންސިލާ ބައްދަލު ކުރައްވާފަ އެބޭފުޅުން އެހެން އޮޕްޝަން އަކަށް ތައްޔާރުވެފަ އޮތް ވާހަކަ ކައުންސިލަށް ދެންނެވި ކަމަށެވެ. މިހާހިސާބުން ދެން ހުރި ކަންތައް ތަކުގަވެސް ކައުންސިލް ބާކީ ކޮށްލާނެ ކަމުގެ ސިގުނަލެއް ލިބުނު ކަމަށް ފާހަގަ ކުރައްވާ ރައްޔިތުން ރެއާ ދުވާލު ކުރަމުންދިޔަ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރައްވާކަން އެނގިގެން ދިޔަ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެއީ ކައުންސިލާއި ރައްޔިތުންގެ އަގުވައްޓާލުމަށް ބަޔަކު އަޑީގައި ތިބެގެން ހިންގި ޖަރީމާއެއް ކަމަށް ސިފަ ކުރައްވަމުން މުޙައްމަދު ރަޝީދު އިތުރަށް ވިދާޅުވީ “އަޅުގަނޑުމެން  މިމަސައްކަތް ކުރަން ނުކުތީ ސަރުކާރަށް އެހީތެރިވެދީގެން، އަދި ވަކިން ހާއްސަކޮށް އަޅުގަނޑުމެން އާދޭސް ކޮށްގެން މިދުވަސް ގެނެސްސަ، އަޅުގަނޑުމެންގެ ރަށަށް ރައްޔިތުން ބޭނުންވާ ކަހަލަ އުމުރާނީ ތަރައްގީތަކެއް ގެނެވޭނެ ކަހަލަ ފޮނި އުއްމީދާ އެކީގަ… ރަށަށް އުމުރާނީ ތަރައްގީއެއް ގެނައުމަށް ” މަސައްކަތް ކުރި ނަމަވެސް އެއްވެސް އިޖާބައެއް ނުދެއްވާ، މީގެ ކުރިން މިނިސްޓަރ ވަޑައިގެންނެވި ދުވަހު، ފަޅުގެ ދަތުކަން ހައްލު ކޮށްދިނުމަށާއި ބަރުތައް ފައްތަ ދިނުމަށް އެދުނު އެދުމަށް، އެކަން ކޮށްދޭނަމޭ ވިދާޅުވެ އެކަންވެސް ނުކޮށްއޮވެ މިއަދު ” މިހިސާބަށް ކަންތަތައް މިގޮތަށް ދިއުމަކީ ވަރަށް ދެރަ ކަމެއްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.