މަސްވެރިންގެ ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ކައުންސިލްގެ އެހީތެރިކަމެއް ނެތި – ޝައިނީ

ޢަބުދުﷲ ޙަމީދު

ރަސްމީކޮށް 37 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރަމުންއަންނަ އިހަވަންދޫގައި، މަސްވެރިންގެ ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ކައުންސިލްގެ އެހީތެރިކަމެއް ނެތިކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ޑރ ޝައިނީ މިހެންވިދާޅުވީ ރޭ އިހަވަންދޫ އޯޕަންސްޓޭޖް ސަރަހައްދުގައި ބޭއްވި ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިނީ، އިހަވަންދޫ ކައުންސިލަށް ފާޑުވިދާޅުވަމުން ވިދާޅުވީ ރޭގެ ޖަލްސާބޭއްވީ އަދި މަސްވެރިންގެ ދުވަހާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ކައުންސިލްގެ އެހީތެރިކަމެއް ނެތި އިހަވަންދޫގައި ތިބި ޕީޕީއެމް މެންބަރުންނާއި އެރަށުގެ ރައްޔިތުން ގުޅިގެން ކަމަށެވެ. ޝައިނީ އިތުރަށް ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކޮށް އިހަވަންދޫގެ މަސްވެރިންނަށް ލިބެން އޮތް ފަހުރެއް ކައުންސިލްގެ ސަބަބުން ގެއްލިގެން ދިޔަ ކަމަށެވެ. އަދި ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނެތި، ދުވަހުގެ އިންތިޒާމުތައް ހަމަޖައްސައިދިނީތީ، ޕީޕީއެމްގެ އިހަވަންދޫގެ މެމްބަރުންނަށް ޝައިނީ، ޙާއްސަކޮށް ޝުކުރުއަދާކުރިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އިއްޔަ ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ހަރަކާތަކުގެ ވަކިހިސާބަކުން ސިޔާސީކޮށް ކައުންސިލް ވަރަށްބޮޑަށް ބާކީކޮށްލިކަމުގައެވެ. އެބޭފުޅާ ވިދާޅުވީ މަސްވެރިންގެ ދުވަހަށް އިހަވަންދޫ ޒީނަތްތެރިކޮށް އެހެން އިންތިޒާމުތައް ވެސް ހަމަޖެއްސީ ކައުންސިލުން އިސްނަގައިގެން، ރަށުގެ އެންމެން ނުކުމެ ކަމަށެވެ. އަދި އެމަސައްކަތުގައި ހުރިހާ ޕާޓީއެއްގެ މީހުންގެވެސް ބައިވެރިވުން ލިބުނުކަމުގައެވެ. އެކަމަކު ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކުރަމުން އައި އެ މަސައްކަތް ފެއިލްވީ ޕީޕީއެމްގެ ބަޔަކު ނުކުމެ، ރަށުތެރޭގައި ފިޔާތޮށި ކުލައިގެ ފޮތި ދަމަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މުހައްމަދު ރަޝީދު ވިދާޅުވީ ޑރ ޝައިނީ މިމަހުގެ 15 ވަނަދުވަހު އިހަވަންދޫއަށް ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމުގެ ކަންކަން ކައުންސިލުން ހަމަޖެއްސިނަމަވެސް، ކަންކަން ކައުންސިލާއި ނުބައްސައި ކުރިޔަށް ގެންދެވީ އެހެން ރޫޓަކުންކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގައި ގިޑިގެތައް ތައްޔާރުކޮށްފައި ހުރީ ސަރުކާރު ބަދުނާމުކުރާ ގޮތަށް ކަމަށް ބުނެ، އެ ތަކެތި ނަގަން ވެސް ކައުންސިލަށް ވަނީ އަންގާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ކައުންސިލް މެމްބަރަކު ވިދާޅުވީ އެތަކެތި ހެދުމުގައި އިހަވަންދޫގެ ޕީޕީއެމްގެ އިސްސަފުގައި ހަރަކާތެރިވާ ފަރާތްތަކުން ބައިވެރިވިކަމަށާއި، އެއީ އެފަދަ މާނައެއް ދޭހަކޮށްދިނުމަށް ތައްޔާރުކުރި ތަކެތި ނޫންކަމުގައެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާރޭ އިހަވަންދޫ އޯޕަން ސްޓޭގައި ކުރިޔަށްދިޔައިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައެއްމަސްވެރިން ނުކުމެ މުޒާހަރާ ކޮށްފައިވެއެވެ. އެމުޒާހަރާގެ ކުރީސަފުގައި ކައުންސިލަރުން ހަރަކާތްތެރިވިކަން ފާހަގަކޮށްލެވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް އިހަވަންދޫގެ އެއްވެސް ކައުންސިލަރަކަށް ދައުވަތުދީފައެއްނުވެއެވެ.