ދޯނިފަހަރުގައި އައިސް ޕްލާންޓް ޤާއިމްކުރަން ލޯނުގެ ފުރުސަތަށް ހުޅުވާލަނީ

ޢަބުދުﷲ ޙަމީދު

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަށް ހައްލުކުރުމަށް މަސް ދޯނި ފަހަރުގައި އައިސް ޕްލާންޓް ޤާއިމްކުރުމަށް ލޯނުގެ ފުރުސަތަށް އަންނަ ހަފްތާގަ ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭ ހއ. އިހަވަންދޫގައި ބޭއްވި 37 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ދޯނި ފަހަރުގައި އައިސްޕްލާންޓް ބެހެއްޓުމުގެ ދެ ނިޒާމެއް ޓެސްޓް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެއް ނިޒާމަކީ ނެނޯ ޓެކޮނޮލޮޖީގެ އެހީގައި މަސްފިނިކުމުގެ ނިޒާމްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަށް އައިސްލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މިފްކޯއިން މިހާރު ވެސް 12 އައިސްޕްލާންޓްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައިސްޕްލާންޓްތައް ޤާއިމްކޮށް ނިމޭނެކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން މަހުގެ އަގު އެއްހަމައެއްގައި ހިފެހެއްޓެވީ މި ސަރުކާރުން ކަމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އެކަށޭނެ އަގެއް ހޯދައިދިނުމަށްވެސް ގިނަ މަސައްކަތް ކުރަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.