މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އިހަވަންދޫ އޯޕަން ސްޓޭގައި މިހާރު ކުރިޔަށްދާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައެއްމަސްވެރިން ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ. ސިޔާސީ ބައެއްކަންކަމާއި ގުޅުހުންހުރި ޝުއޫރުތަކާއި މަސްވެރިންނަށް ހުރި ދަތިތައް ސަރުކާރުން ފިލުވައިނުދޭ ކަމަށް ބުނެ މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާ ކުރަމުންދާ ސަރައްދު ކޮންޓްރޯލްކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މުޒާހަރާކުރަމުންދާ މީހުންގެ ތެރެއިން ދެ މީހަކު މިހާރުފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އެ މުޒާހަރާގެ ތެރޭގައި ހުންނެވި އިހަވަންދޫ ދާއިރާގެ “ކުރީގެ” މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ އެރަށުގެ މަސްވެރިންނަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި މަސްވެރިންގެ ދުވަހެއް އެރަށުގައި ފާހަގަ ކުރުމަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދަނީ މަސްވެރިންނަށް ދައުވަތު ނުދީ ކަމަށާއި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މަސްވެރިންނަށް އެމީހުންގެ ޝުއޫރު ފާޅު ކުރުމަށް ވެސް ފުރުސަތު ނުދޭ ކަމަށެވެ. އިހަވަންދޫ ރަށު ކައުންސިލުގެ ބައެއްމެމްބަރުން ހިންހަމަނުޖެހުން ފާޅުކޮށް ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެރަށަށް ވަޑައިގަންނަވާތީ ކައުންސިލުންވީ ތައްޔާރުވެފައި ވަނިކޮށް އެކަމަށް ނުބައްލަވައި މިނިސްޓަރު ކަންކަން ކުރެއްވީ އެރަށުގެ އެހެން ބަޔަކު އެދުނު ގޮތަށް ކަމަށެވެ.
އިހަވަންދޫ ކައުންސިލް މެމްބަރުންވެސް މުޒާހަރާގައި ބައިވެރިވަމުންދާއިރު، ކައުންސިލް މެމްބަރު އަހުމަދު ރިޞްވާން ވިދާޅުވީ ކައުންސިލް މެމަބަރުންނަށް މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތުދީފައި ނުވާކަމުގައެވެ.