17 ޓީމާއިއެކު 11 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތް ފަށައިފި

މުޙައްމަދު އަކުރަމް

ޖުމުލަ 17 ޓީމާއިއެކު، މުހައްމަދު އަބުދުﷲ (މުހައްމާ)ގެ ވާދައިގެ ތައްޓަށް ކުޅޭ 11 ވަނަ މައިކަޕް މުބާރާތް ފަށައިފިއެވެ. ރޭކުޅުނު މިމުބާރާތުގެ ފުރަތަމަމެޗްގައި ވާދަކުރީ ސެންސިޓީ ފޭންސް އާއި ބީ.އެސް.އެސް.ސީ އެވެ. މިމެޗްނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއްނުޖެހިއެވެ.

އިހަވަންދޫގައި ފާހަގަކުރަމުންދާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ އިހްތިފާލްތަކާއި ފުށުއަރާތީ މިއަދު މިމުބާރަތުގެ މެޗެއް ނޯންނާނެއެވެ. މިމުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާރެއެވެ. އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅޭ މިމުބާރާތް މިފަހަރުވެސް އިންތިޒާމު ކުރަނީ ކުލަބު ޕޯލްސްޓަރ އިން ނެވެ. މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމްތަކަކީ: ސެންސިޓީ ފޭންސް، ބީ.އެސް.އެސް.ސީ، ޖަންގަލް ރިޔުނައިޓެޑް، ބޮޑުމަގު ޖޭ.އާރު، ހިޔާ، ކްލަބް ޑޯލްފިންސިޓީ، ޖަންގަލް، ހައިޑްސް، އަރާދުވާ ކުރިމަގު، އެންވީކޭ، ސެންސިޓީ، އެފްސީ ބޮޑުމަގު، އުތީމް ކައުންސިލް، ކުޅިމަގު، އެމް.ޒީ.އައި، ޖީއެސް ޔުނައިޓެޑް އަދި އަރާދުވާ އެވެ.

މިދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްއޕިއަން ނިކަ އަދި ރަނަރަޕް މާރަންދޫ ޔޫތް ކޯޕަރޭޝަން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއްނުވެއެވެ. މިއަހަރުގެ މުބާރާތުގައި އިހަވަންދޫ، ހޯރަފުށި، މާރަނދޫ އަދި އުތީމްގެ ޓީމްތައް ވާދަކުރާއިރު މިމުބާރާތް ކުރިޔަށްގެންދަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާޓީމް ކުއާޓާ ފައިނަލަށް ދާއިރު ނުކައުޓް އުސޫލުން ކުޅެ މޮޅުވާ 4 ޓީމް ސެމީގައި ވާދަކުރާގޮތަށް މިމުބާރާތް ޝެޑިއުލް ކޮށްފައިވާއިރު މުބާރާތުގެ ޗެމްޕިއަންޓީމަށް ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ.