މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް މިނިސްޓަރ ޝައިނީ އިހަވަންދޫއަށް ވަޑައިގެންފި

ޢަބުދުﷲ ޙަމީދު

37 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ، އިހަވަންދޫ އަށް ވަޑައިގެން ފިއެވެ.

މިއަދު ހެނދުނު މިނިސްޓަރ އިހަވަންދޫއަށް ވަޑައިގެންނެވި އިރު، މިދުވަސް ފާހަގަ ކުރުމަށް ބޭއްވޭ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މެހެމާނުން މިހާރުވެސް ދަނީ އިހަވަންދޫ އަށް ވަޑައިގަންނަވަމުންނެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަ ކުރާއިރު، މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރ 16 ވަނަ ދުވަހު އެވެ. އަދި މިއަދުން ފެށިގެން ދުވަހުގެ ބައެއް ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމިކަމުގެ ހަބަރު ދެއްވާފައި ވަނީ މިނިސްޓަރ ޝައިނީ، މިއަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު އިހަވަންދޫ އަށް ކުރެއްވި ދަތުރުފުޅުގައެވެ. އެދުވަހު މަސްވެރިންނާއި މުވައްސަސާތަކުގެ ވެރިންނާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، މަސްވެރިންނާއި އިހަވަންދޫ ކައުންސިލުން ވަނީ އިހަވަންދޫގެ ފަޅުގެ ދަތިކަން މިނިސްޓަރ އަރިހު ހިއްސާކުރައްވާ މަސްވެރިންގެ ދުވަސް ފާހަގަ ކުރަންވާއިރަށް އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މާދަމާ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، މިނިސްޓަރ އިހަވަންދޫއަށް ވަޑައިގެންނެވި އިރުވެސް ފަޅުގެ ދަތިކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ.